ހަމަ ގައިމު ވެސް ރައްޔިތުންގެ މަޖިލިސް ހަމައިން ނެއްޓިއްޖެއެވެ. ހަމައެއް ލަމައެއް ނެތި މެންބަރުން ޒުވާބުކުރުމާއި, ޖަލްސާތައް ހުއްޓުވުމާއި މެންބަރުން ވަގުތުތައް ބޭކާރު ކުރުން މިއަދު މި ވަނީ 'ނޯމަލް' ވެފައެވެ. ރައްޔިތުން އެތަކެއް އުންމީދަކާ އެކު އިންތިހާބުކުރި މެންބަރުންގެ ފަރާތުން މިއަދު ވެސް ފެނިގެން ދިޔައީ ހަމަ އެ މަންޒަރެވެ.

މި މަންޒަރުތަކުން ދޭހަވަނީ އެއްވެސް މެންބަރަކު ދޫދޭން ބޭނުންނުވާ ކަމެވެ, މަޖިލީހުގެ ރިޔާސަތުގެ ފަރުވާކުޑަކަމެވެ. މަޖިލީހުގެ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް މެންބަރުން އަމަލުކުރަމުން ދާ ދިއުން ހުއްޓުވުމުގެ ހުރިހާ މަސްއޫލިއްޔަތެއް އޮތް ފަރާތަކީ މަޖިލީހުގެ ރިޔާސަތެވެ. އެކަމަކު ފެންނަ މަންޒަރުތަކުން ހާމަވާ ގޮތުން ނަމަ ރިޔާސަތުން މެންބަރުން ހުއްޓުވައި މަޖިލިސް ހަމައަކަށް އެޅުވުމަށް އެއްވެސް މަސައްކަތެއް ކުރާ ތަނެއް ނުފެނެއެވެ.

ދެން ފެންނަނީ މެންބަރުންނާއި ރިޔާސަތާ ދެމެދު ބަހުގެ ހަމަލާތައް ދޭ މަންޒަރެވެ. ބައެއް މެންބަރުން ދޫ ނުދޭ ތާންގައި ރިޔާސަތުން ވެސް މެންބަރުންނަކަށް ވަކި ދުލެއް ނުކުރެއެވެ.

އެހެންވިޔަސް ވެސް މަޖިލިސް ހުއްޓުވާފައިވާ ކަމަށް ބުނެ، ސަރުކާރުން އެކަން ކަނޑާލަނީ ރިޔާސަތުގެ ބޮލަށެވެ، އިދިކޮޅުން ސަރުކާރު މެންބަރުންގެ ބޮލަށެވެ. ބޮޑު ދެ ގެރި ތަޅައި ކަށްގަލަށް ބާރުކުރާ އުސޫލުން އެއް ބަޔަކު އަނެއް ބަޔަކު ބޮލަށް އަރަމުން ދާއިރު، އެ ޒުވާބުގެ ދެމެދުގައި ފިތި ގެއްލުންވަނީ ދިވެހި ރައްޔިތުންނަށެވެ. ހުށަހެޅިފައިވާ މައްސަލައަށް ބަހުސް ނުކޮށް, ބަދަލުގައި ނިޒާމީ މައްސަލަތައް ނަގައި މަޖިލީހުގެ ނިޒާމް ގެއްލުވާލައި, އަމިއްލަ ސިޔާސީ އެޖެންޑާ ކުރިއަރުވައި, އެހެން މެންބަރުންގެ ވާހަކަތަކަށް ހުރަސް އަޅައި ވާހަކަ ހުއްޓުވާލުން, މި ހުރިހާ ކަމެއްގެ ސަބަބުން ގެއްލުން ލިބެނީ ހަމަ ދިވެހި ރައްޔިތުންނަށެވެ.

ރައްޔިތުން ވަރަށް ފޮނި އުންމީދެއްގައި އިންތިހާބުކުރި މެންބަރުންގެ ފަރާތުން ފެންނަ މިފަދަ ކަންކަމުގެ ސަބަބުން މަޖިލީހުގެ މެންބަރުންނަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިއްޖެއެވެ. ރައްޔިތުން ބަލަން ބޭނުންނުވާ އެތައް މަންޒަރެއް މެންބަރުންގެ ފަރާތުން ފެނި, މަޖިލީހާ މެދު ރައްޔިތުންގެ ގޮތް ހުސްވެއްޖެއެވެ. މަޖިލިސް މެންބަރުންގެ ލަދު ހަޔާތްކުޑަ އަމަލުތަކުގެ ސަބަބުން, މެންބަރުންނަކީ ރައްޔިތުންގެ ކުރިމަތީގައި މިއަދު އެއްވެސް ބައެއް ނޫނެވެ.

އަޅުގަނޑު މަޖިލިސް މެންބަރަކާ ސުވާލުކުރުމުން, މިފަދަ ކަންކަމަކީ ބޭރުގެ ގާނޫނުހަދާ މަޖިލިސްތަކުގައި ވެސް އާންމު ކަމެއް ކަމަށް ވިދާޅުވިއެވެ. އެކަމަކު މެންބަރުންނާ ވާހަކަ ދައްކަވައި މިކަންކަން ރަނގަޅުކުރައްވަން މަސައްކަތްކުރައްވާނެ ކަމަށް އެ މެންބަރު އަޅުގަނޑު ގާތުގައި ވިދާޅުވިއެވެ. އެހެންވެ އަޅުގަނޑު ވެސް ހުރީ މަޖިލިސް މަޑުމަޑުން ނަމަވެސް އިސްލާހުވެ, ރަނގަޅުވާނެ ކަމުގެ އުންމީދެއްގައެވެ. އެކަމަކު ހަގީގަތަށް ބަލާ ނަމަ, ރައްޔިތުންގެ މަޖިލީހުން ދަނީ ފަހަރަކަށް ފަހު ފަހަރެއް ފަހަތަށް ފިޔަވަޅު އަޅަމުންނެވެ.

މެންބަރުންގެ ބަސްމޮށުންތެރިކަމާއި އަހުލާގަށް ބެލުމުން, މަސްމާރުކޭޓެއް ނުވަތަ ސައި ހޮޓަލެއްގައި ކުރެވޭ ޒުވާބެއްގެ ދަރަޖައަށް މަޖިލިސް މިއަދު ވެއްޓިއްޖެއެވެ. މަޖިލީހުގެ ހައިބަތާއި އިއްޒަތް ވެއްޔާ މޮޑެވި ހިނގައްޖެއެވެ. 17 ވަނަ މަޖިލީހުގެ ކުރިން މަޖިލިސް ތަމްސީލުކުރެއްވި ގިނަ މެންބަރުން އެއް މަޖިލީހުން އަނެއް މަޖިލީހަށް ގެނެސްދެއްވި "ލެގަސީ" މިއަދު ނެތް ފަދައެވެ.

މިއީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ މިއަދުގެ ހާލަތެވެ.

ރައްޔިތުންގެ މަޖިލީހަށް ބޭނުންވަނީ މަސައްކަތްތައް ހަލުވިކަމާ އެކު މިނިވަންކަމާ އެކު ކުރެވޭ, ވަކި ފިކުރެއްގައި ނުޖެހި ރައްޔިތުންނަށް ފައިދާވާ ގޮތަށް ނަޒާހާތްތެރިކަމާ އެކު މަސައްކަތްކޮށްދޭ މެންބަރުންނެވެ. ފައިސާގެ ދަހިވެތިކަމުގައި, އަމިއްލަ ޕާޓީ ފިކުރު ކުރިއަރުވައި, އަޑުނަގައި ޒުވާބުކުރާ, އަދި މަސައްކަތްތަކާ ނުގުޅޭ ބޭކާރު ވާހަކަ ދައްކާ މެންބަރުންނެއް ރައްޔިތުން މިއަދު ބޭނުމެއްނޫނެވެ.

މަޖިލިސް މިހާރަށް ވުރެ ރަނގަޅުކޮށް, މެންބަރުން އިސްލާހުވާން ޖެހެއެވެ. އާންމުންނަށް ރަނގަޅު މިސާލެއް ދައްކަން ވެއްޖެއެވެ. މަޖިލީހުގެ މެންބަރުން ރައްޔިތުންގެ ކުރިމަތީގައި 'ޖޯކަކަށް'ވެ, އަމިއްލަ އަގު ވެއްޓި ފެއިލްވެގެން ދާން މިހާރު ތިބި މެންބަރުން ދޫކޮށްލައިފި ނަމަ, އެ ވެއްޓެނީ ހަމައެކަނި މަޖިލީހުގެ އަގެއް ނޫނެވެ, ނުވަތަ މެންބަރުންގެ އަގެއް ވެސް ނޫނެވެ. އެ ހުރަސް އެޅެނީ ރައްޔިތުންގެ ހައްގުތަކަށެވެ.

އެހެންވީމާ ކުރަންވީ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި ކަންކަމަށް ރިއާޔަތްކޮށް, ރައްޔިތުންނަށް ރަނގަޅު މިސާލާއި ނަމޫނާ ދައްކައި, މަޖިލީހުގެ މަސައްކަތްތަކައިގެން ކުރިއަށް ދިއުމެވެ. މަޑުޖެހިފައިވާ މުހިންމު މަސައްކަތްތައް ހަލުވި މިނެއްގައި ކުރިއަށް ގެންގޮސް ރައްޔިތުންގެ ދަތިތަކަށް ނިމުމެއް ގެނައުމެވެ.

އެކަމަކު ފެންނަ މަންޒަރުތަކަށް ބަލާއިރު މި 19 ވަނަ މަޖިލީހުން އެ މަންޒަރު ފެންނާނެ ހެނެއް ދެން ގަބޫލެއްނުކުރެއެވެ.

މަޖިލީހުގައި ހިފަހައްޓަން ޖެހޭ ހަމަތައް ނުހިފެހެއްޓި މި ހިސާބަށް ކަންކަން ދިއުމުން, މަޖިލީހަކީ ކޮންމެހެން އޮންނަން ޖެހޭ ތަނެއްތޯ, ރައްޔިތުން އަބަދުމެ ސުވާލުކުރެއެވެ. ކަންކަން ބޮއްސުންލައިގެން ދިއުމުން, ރައްޔިތުންގެ މަޖިލީހަކީ ކޮންމެހެން އޮންނަން ޖެހޭ ތަނެއް ކަމަކަށް ގިނަ ރައްޔިތުން މިހާރު ގަބޫލެއް ނުކުރެއެވެ.

ހެޔޮނުވާނެއެވެ! މެންބަރުން ތި ލަދުވެތި ގޮތްގަނޑު ދޫކޮށްލައްވައި, ރައްޔިތުންނަށް ރަނގަޅު ނަމޫނާ އެއް ދައްކަވާށެވެ.