ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޕީއެންސީއަށް ކާމިޔާބު ކުރެވިއްޖެ ނަމަ ޑރ. މުހައްމަދު މުއިއްޒު ނޫނީ ރައީސް އަބްދުﷲ ޔާމީން އޮންނަވާނީ ޖަލުގައި ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، ބ. ތުޅާދޫގައި ރޭ ބޭއްވި ރައީސް އިބްރާހީމު މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލުސާގައި ވާހަކަ ދައްކަވަމުންނެވެ. އިމްރާން ވިދާޅުވީ، އިދިިކޮޅު ކެންޑިޑޭޓު މުއިއްޒުގެ އެންމެ ބޮޑު ވައުދަކީ ވަކި މީހަކު ޖަލުން ނެރުމާއި ވަކި މީހެއްގެ ސިޔާސަތަށް ވެރިކަން ކުރުން ކަމަށެވެ.

މުއިއްޒު އާއި ޔާމީންގެ މާޒީއަށް ބެއްލުވުމުން އެ ވެރިކަން އޮންނާނެ ގޮތް ސިފަކޮށްލެވޭ ކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން ލަފާ ކުރައްވާ ގޮތުގައި މުއިއްޒު ވެރިކަމަށް ވަޑައިގެންފި ހާލަތެއްގައި މުއިއްޒު ނޫނީ ޔާމީން އޮންނަވާނީ ޖަލުގައެވެ.

އަޅުގަނޑަށް ފެންނަނީ ވެރިކަމަށް ވަޑައިގެންފިއްޔާ މުއިއްޒު އޮންނާނީ ޖަލުގައި އެހެން ނޫނިއްޔާ ޔާމީނު އޮންނާނީ ޖަލުގައި. ކޮންމެވެސް އެއްބޭފުޅަކު އޮންނާނީ ފަސް އަހަރު ނިންމެންދެން ޖަލުގައި،
އިމްރާން

އިމްރާން އެހެން ވިދާޅުވަނީ ކޮން ސަބަބަކާ ހުރެކަން އޭނާ ހާމަ ކުރައްވާފައި ނުވިނަމަވެސް، ގަބޫލު ކުރެވެނީ، ޔާމީން ޖަލުން ނެރެން މުއިއްޒު މަސައްކތް ނުކުރައްވާނެ ކަމަށް ނުވަތަ ޔާމީން ޖަލުން ނެރެފިނަމަ، ވެރިކަން އަތުލައްވައި މުއިއްޒު ޖަލަށް ލާނެ ކަމަށް ހީކުރައްވައި ވިދާޅުވި ވާހަކައެއް ކަމަށެވެ.

އިމްރާން ވިދާޅުވީ މިދިޔަ ފަސް އަހަރު ހޯދުނު ހަމަޖެހުން ކުރިއަށް އޮތް ފަސް އަހަރު ވެސް މުހިންމު ކަމަށެވެ. އެއީ ދިވެހިން ވިސްނަވާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން އަލުން އަނބުރާ ކުރިން އޮތް ހާލަތަށް ދާން ބޭނުން ނުވާތީ މުއިއްޒު އަށް ވެރިކަމަށް ވަޑައިނުގެންނެވޭނެ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވަނީ ސިޔާސަތުތަކާއި ހިދުމަތުގެ ރެކޯޑާއި ހުރިހާ ކަމަށް ބަލާ އިރުވެސް ރައީސް ސޯލިހާ އަރާ ހަމަކޮށްލެވޭނެ އެއްވެސް ކެންޑިޑޭޓަކު ނެތް ކަމަށް ފާހަގަ ކުރައްވާފައެވެ.