ބ. ފުޅަދޫ އަދި ބ. ހިތާދޫ އިންޖީނުގެ އާއި އާ އޮފީސް އިމާރާތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައިދެއްވައިފިއެވެ.

ރައީސް ސޯލިހު އެ އިމާރާތްތައް ހުޅުވައިދެއްވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ބ. އަތޮޅަށް ކުރައްވަމުންގެންދާ ދަތުރުފުޅުގައި މިއަދު އެދެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

ފުޅަދޫ އަދި ހިތާދޫގައި ކުރިން ބޭނުންކުރި އިންޖީނުގޭގެ އިމާރާތަށް 28 އަހަރު ވެފައިވާއިރު ކުރިން އިންޖީނުގެ ރަށުގެ މެދުގައި ހުރި ނަމަވެސް އަލަށް ހުޅުވި އިންޖީނުގެ އާއި އާ އޮފީސް އިމާރާތް ހުންނާނީ މިހާރު މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކަމަށް ފެނަކައިން ބުނެއެވެ.

ފުޅަދޫ އަދި ހިތާދޫގައި ކުރިން ހުރި އިންޖިނު ގޭގައި އިންޖީން ރޫމް، ޕެނަލް ރޫމް، ސްޓޯ ހުރިއިރު މީހާރު ހުރި އިންޖީނު ގޭގައި ސްޓޯ، ވޯކްޝޮޕް، އިންޖީން ރޫމް، ކޮންޓްރޯލް ރޫމް، ފިއުލް ޓޭންކު، ޗިމްނީ އަދި ޕޭންޓްރީއެއް ހިމެނެއެވެ. އަދި އެދެ ރަށުގައި މިހާރު ހުރި އޮފީސް އިމާރާތުގައި ރިސެޕްޝަން، ލޮބީ، މެނޭޖާ ރޫމް، ޕޭންޓްރީ، ފާހާނާ، މީޓިން ރޫމް، ސްޓޯ ހިމެނޭ ކަމަށް ފެނަކައިން ބުނެއެވެ.

ފުޅަދޫ އިންޖީނުގޭގެ އާ އޮފީސް އިމާރާތް / ފޮޓޯ: ފެނަކަ

ފެނަކައިން ބުނީ، މީގެ ކުރިން ފުޅަދޫގެ އިންޖީނުގޭގެ އޮފީހުގައި 2 މުވައްޒަފުން މަސައްކަތް ކުރި ނަމަވެސް ދަތިނުވެ 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ މި އޮފީހުގައި ހުންނާނެ ކަމަށެވެ. ފެނަކައިން ބުނީ، ފުޅަދޫގެ ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 368 ކަމަށާއި އަދި އާ އިންޖީނުގޭގެ ކެޕޭސިޓީއަކީ، 538 ކިލޯވޮޓް ކަމަށެވެ.

މީގެ ކުރިން ހިތާދޫގެ އިންޖީނުގޭގެ އޮފީހުގައި 4 މުވައްޒަފުން މަސައްކަތް ކުރި ނަމަވެސް ދަތިނުވެ 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ މި އޮފީހުގައި ހުންނާނެ ކަމަށް ފެނަކައިން ބުނެއެވެ. ފެނަކައިން ބުނީ، ހިތާދޫގެ ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 688 ކަމަށާއި އަދި އާ އިންޖީނުގޭގެ ކެޕޭސިޓީއަކީ، 800 ކިލޯވޮޓް ކަމަށެވެ.