ބ. އޭދަފުށީ މީހުން ވޯޓު ދެނީ ވަކި ސަރުކާރަކަށް ނޫން ކަމަށާއި އަބަދުވެސް ތަރައްގީއަށް ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ބ. އޭދަފުއްޓަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ އޭދަފުށީގެ ރައްޔިތުން އަބަދުވެސް ކަންކަން ނިންމަމުން އައީ ވަރަށް ވިސްނުންތެރި ކަމާއެކު ރަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބުަގައި ވޯޓު ނިންމާނީ ކިހިނެތްކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައި ވާއިރު އޭދަފުއްޓަކީ އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ރަށެކެވެ. އެކަން އެ ރަށުގެ ކައުންސިލާއި މަޖިލީހުން އެނގެއެވެ.
ރައީސް ސޯލިހު ވިދާޅުވީ ފެނިވަޑައިގަންނަވަނީ އޭދަފުށިން ވެސް ރަނގަޅު ބަދަލެއް ކަމަށާއި އޭދަފުއްޓަކީ ރާއްޖޭގެ ތަރައްގީގެ ކަންކަމަށް ބެލިޔަސް ހާއްސަ ރަށެއް ކަމަށެވެ. އަދި ތަރައްގީގެ ކޮންމެ ދިމާއަކަށް ބެލިނަމަވެސް އޭދަފުށީގެ މީހުން ހިއްސާ އެބައޮތް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރާ މެދު އޭދަފުށީގެ ރައްޔިތުންނަށްވެސް ޔަގީންކަން ލިބިއްޖެ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އޭދަފުއްޓަށް ތަރައްގީގެ ބޮޑު ބަދަލެއް އަންނާނީ މި ސަރުކާރު ދެމިއޮވެގެންކަން އޭދަފުށީ ރައްޔިތުނަށް ގަބޫލުކުރެވޭ ކަމަށެވެ.
ރައީސް ސޯލިހު ވަނީ އޭދަފުއްޓަށްވެސް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން އެ ރަށުގެ ހުރިހާ މަގުތައް ޒަމާނީ ފެންވަރަށް ތާރުއަޅާ ހަދައިދިނުމާއި ޕިކްނިކް ބީޗަކާއި ވަސީލަތްތައް ރަނގަޅު ސްޕޯޓްސް ކޮމްޕްލެކްސް އަކާއި އިސްލާމީ މަރުކަޒެއް އަޅައިދެއްވުމަށް ވައުދު ވެވަޑައިގެންނެވިއެވެ. އަދި 5 އަހަރު ތެރޭގައި އޭދަފުށީގެ ހޮސްޕިޓަލަށް ބަދަލުތަކެއް ގެނެވިއްޖެކަން ފާހަގަ ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އަތޮޅު ހޮސްޕިޓަލަކުން އެންމެ ރަނގަޅު ހިދުމަތް ލިބޭނެ ހޮސްޕިޓަލަށް ވެފައިވާ ކަމަށާއި އިތުރު ވަސީލަތް ތަކާއެކު އަދިވެސް ބަދަލު ގެނެސްދެއްވާނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އިތުރު ބަނދަރެއް ހަދަން ޕްލޭން ހައްދަވާފައިވާ ކަމަށާއި އެ މަސައްކަތުގެ އަމަލީ މަސައްކަތް މި މަސް ނިމުމުގެ ކުރިން ނޫނީ އަންނަ މަހު ފެށިގެންދާނެ ކަމަށެވެ. އަދި ގޯތި ދިނުމަކީ ކައުންސިލްގެ ދަށުން އޮންނަ ކަމެއް ކަމަށާއި އެކަމުގައި ލަސްތަކެއް ހުރިކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އަންނަ ދައުރުގައި ރަނގަޅު ބޮޑު ހައުސިން ޕްރޮޖެކްޓެއް ހިންގަވާނެ ކަމަށެވެ.