މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިނުން މުއާމަލާތްކުރުމުގެ ކުށުގެ ތުހުމަތުގައި ގދ. ތިނަދޫގެ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓު އިބްރާހީމް ރަޝީދު ހޯދަން އިއުލާނު ކޮށްފިއެވެ.

ފުލުހުން ކުރި އިއުލާނުގައި ބުނީ، އިބްރާހީމް ރަޝީދު ހޯދަން އިއުލާނުކުރީ ދައުލަތުން ދައުވާކުރާ، ޑައިމޯފިނުން މުއާމަލާތްކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާތީ ކަމަށެވެ.

އެހެންކަމުން އިބްރާހީމް ރަޝީދު ބަންދުގައި ބަހައްޓައިގެން އަންނަ ބުދަ ދުވަހުގެ ހެނދުނު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް، ކޯޓު އަމުރާ ހަވާލާދީ ފުލުހުން ބުންޏެވެ.

މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި އިބްރާހީމް ރަޝީދު މޭ 28، 2016 ގައި ހައްޔަރުކުރިއެވެ. އެ މައްސަލައިގައި ޖޭއެސްސީން އޭނާ ސަސްޕެންޑު ވެސް ކުރިއެވެ.

ނަމަވެސް ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމުން ޖޫން 24، 2019 ގައި އިބްރާހީމް ރަޝީދު ވަކިކުރީ އަންހެނަކާ ދިމާލަށް ބޭއަދަބީ ބަހުން މުހާތަބުކޮށް، ގަޒްފުކުރި މައްސަލައަކާ ގުޅިގެންނެވެ.