ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ނޫނީ ދެން ތިއްބެވި ބައެއް ކެންޑިޑޭޓުންނަކީ ސިޔާސީ މަސްރަހުން ފަހަތަށް ދަމުން ދަމުން ނިމުމާ ގާތްވެފައި ތިބި ބޭފުޅުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބ. ގޮވައިދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ އެކަމަށް އަޅާނުލެއްވުމަށް ވިދާޅުވެ ކުޑަކޮށްވެސް ވިސްނާލަންވީ މުއިއްޒު ދައްކަވާ ވާހަކައަށް ކަމަށް ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ގޮއިދޫ އަކީ އިސްލާހީ މަސައްކަތްތަކުގައި ތިއްބެވި ރައްޔިތުން ތިބި ރަށެއް ކަމަށާއި އެ ދަތުރުގެ އުނދަގުލާއި ތަހަންމަލު ކުރި ގޮތް ބ އަތޮޅާއި ގޮއިދޫ ރައްޔިތުންނަށް އިނގޭނެ ކަމަށެވެ. އަދި 2018 އާ ހިސާބަށް އާދެވުނު ގޮތާއި މިހާރު މި ހޭދަ ކުރާ ދުވަސްތައް އެނގޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ތަރައްގީއަށް ކުރެވުނު މަސައްކަތް ކުރެވުނީ ސިޔާސީ ހަލަބޮލިކަމާއި ވާދަވެރިކަމުގެ ތެރެއަށް ނުގޮސް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަން އަޒުމު ކަނޑައަޅުއްވައިގެން ކަމަށާއި ވެރިކަމުގެ ދައުރެއް ނިންމާލައްވަނީ ސިޔާސީ ބޭނުމަކު އެއްވެސް ބޭފުޅަކު ހައްޔަރުނުކޮށް އަދި އެއްވެސް ނޫހަކަށް ބިރު ނުދައްކާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ހިޔާލު ފާޅުކުރުމާއި ސިޔާސީ ހަރަކާތަކަށް ޖާގަދެއްވައިގެން ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދު ފުއްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނާ ކިރިޔާވެސް ކައިރިއަށް އާދެވޭނެ ބަޔަކީ ޕީއެންސީ ކަމަށެވެ. ޕީއެންސީއަކީ އާ ނަމެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހު އިތުރަށް ވިދާޅުވީ އާ ނަމަކަށް ވީ ނަމަވެސް 2013 ގައި އައި ސަރުކާރު ހިންގަވަން އުޅުނީ އެ ބޭފުޅުން ކަމަށެވެ.
އޭރު އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދެވީ ގުޅިފަޅަކީ މީހުން އުޅެން ކަމުދާ ތަނެއް ނޫން ކަމަށާއި އެތަނުން ބިންތައް ވެސް އަތުލި ކަމަށެވެ. އަދި މިއަދު ގުޅިފަޅުގައި ގޯތި ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވުމުން ދެކޮޅު ނުޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އަސާސީ ހިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވާއިރު 2013 އިން 2018 އަކީ އިގްތިސޯދު އެންމެ ރަނގަޅު ދުވަސްވަރު ކަމަށާއި އޭރު ތެޔޮ ފީފާއެއް 48 ޑޮލަރަށް ލިބުނު ނަމަވެސް ކޮވިޑާއި ޔޫކްރެއިން ހަނގުރާމައަށް ފަހު މިހާރު ތެޔޮ ފީފާއެއްގެ އަގަކީ 140 ޑޮލަރު ކަމަށް ވާއިރު ކުރިން އޮތް ފަސޭހާއިގައި ނުވި ކަމެއް މިހާރު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.