މޯލްޑިވްސް ޕޮލިސް ސާވިސް އަށް 25 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ހިދުމަތް ކުރައްވާފައިވާ އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު މޫސާ (48އ) ނިޔާވެއްޖެއެވެ.

ޕޮލިސް ކޯޕްރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގައި މަސައްކަތް ކުރައްވަމުން ގެންދެވި އަހްމަދު މޫސާ (ހއ. ހޯރަފުށި / ނިކޯޝިއާ) ނިޔާވީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

ފުލުހުންގެ ހިދުމަތަށް މެދުނުކެނޑި 25 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އަހްމަދު މޫސާ ވަނީ ފުލުހުންގެ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓްގައި މަސައްކަތް ކުރައްވައި، ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.

އަހްމަދު މޫސާ އަށް ލިބިލައްވާފައިވާ ކުލަ އަދި މެޑަލްތަކުގެ ތެރޭގައި ސުނާމީ ކާރިސާގެ މެޑަލް، ފުލުހުންގެ މެޑަލް، އަހުލާގީ ކުލަ 1، ފުލުހުންގެ ހިދުމަތުގެ ކުލަ، އިހްލާސްތެރި ހިދުމަތުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، މިނިވަން ފަންސާހުގެ މެޑަލް، ޖުމްހޫރީ ފަންސާހުގެ މެޑަލް ހިމެނެއެވެ.

އަހްމަދު މޫސާ ނިޔާވުމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. ތައުޒިޔާގެ މެސެޖްގައި ވަނީ ފުން ހިތާމައިގެ މި ދަނޑިވަޅުގައި، ކޮމިޝަނާ އޮފް ޕޮލިސް މުހްއްމަދު ހަމީދާއި ހުރިހާ ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ނަމުގައި މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ރައްދު ކުރާކަމަށެވެ.

"މަރުހޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި ބަރުޒަހުގެ އާލަމް ތަނަވަސް ކޮށްދެއްވުން އެދި މާތް ﷲ ގެ ހަސްރަތު ގައި ދުއާ ދަންނަވަމެވެ. އާމީން" ފުލުހުންގެ ތައުޒިޔާގެ މެސެޖް.

އަހްމަދު މޫސާ ނިޔާވި އިރު ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ.