ތަކުރާރުކޮށް މެންބަރުންގެ އަރިހުގައި އެދިވަޑައިގަތުމުން ވެސް މަޖިލިސް ހިންގުމަށް ފުރުސަތު ނުދެއްވި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ ނިންމަވާލައްވައިފިއެވެ.
ދޮޅު ގަޑިއިރަށް ދެމިގެންދިޔަ ޖަލްސާ ބައިގަޑިއިރެއްހާ އިރު ވަންދެން މެދުކަނޑާލާފައި ވަނީ، މަޖިލީހުގައި ތިއްބަވާ 'ދަ ޑިމޮކްރެޓްސް' ގެ މެންބަރުން، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ތަމްސީލުކުރާ ގޮތަށް އިދާރީ ކަންކަން ހަމަޖެހެންދެން ކޮމިޓީތަކަށް މެންބަރުން އައްޔަނުކުރުން ލަސްކުރުމަށް ނަޝީދު ނިންމެވުމުން މަޖިލިސް ހޫނުވެގެންނެވެ. ނަޝީދު ވިދާޅުވީ، ޑިމޮކްރެޓްސް އާ ގުޅުނުކަމުގެ ސިޓީ ފޮނުއްވީ ތިން މެންބަރުން ކަމަށާއި، އެ ޕާޓީ އާ ގުޅިވަޑައިގަތް، ނަމަވެސް މަޖިލީހުގެ އިދާރާ އަށް އެކަން ނާންގަވާ މެންބަރުންނަށް ސިޓީ ފޮނުއްވުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ.
ނަޝީދުގެ ނިންމެވުމާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން އަޑުއުފުލަން ފެއްޓެވުމުން، ޖަލްސާ ފުރަތަމަ މެދުކަނޑާލުމުގެ ކުރިން ތިން މެންބަރެއްގެ ނަން ނަޝީދު އިއްވެވިއެވެ. އެއީ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފުގެ ނަމާއި، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ ނަމާއި، ތިނަދޫ ދާއިރާގެ މެންބަރު އަބްދުލްމުޣުނީގެ ނަމެވެ.
ނަމަވެސް ތިން މެންބަރުން ތަޅުން ދޫކުރައްވައި ވަޑައިނުގަތުމުން، ޖަލްސާ ވަނީ ބައިގަޑިއިރަށް ވުރެ ގިނައިރު ވަންދެން މެދުކަނޑާލައިފައެވެ.
އޭގެ ފަހުން ގާތްގަނޑަކަށް 10 ޖަހާކަން ހާއިރު ޖަލްސާ އަލުން ފަށްޓަވައި ކުރިއަށް ގެންދިއުމަށް ނަޝީދު މަސައްކަތްކުރެއްވިއެވެ. އެގޮތުން ނަޝީދު ވަނީ ޝަރީފާއި ޔައުގޫބާއި މުޣުނީ ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް ގޮވާލައްވައި އަނެއްކާ ވެސް ނަން އިއްވައިފައެވެ.
"އިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ، މި މަޖިލީހުގައި ފުލުހުންގެ ޓޭޕެއް އަޅުގަނޑެއް ނުދަމާނެ، އަދި މި މަޖިލީހަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ސިފައިންނެއް ނުގެންނާނަން، ބާރުގެ ބޭނުމެއް ނުކުރާނަން،" 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރު އަމަލުކުރި ގޮތަށް ނުސީދާކޮށް އަލިއަޅުވާލައްވައި ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު އިއްޒަތްތެރި މެންބަރުންނަށް އިލްތިމާސްވެސް ކުރާނަން، އާދޭސް ވެސް ދަންނަވާނަން، ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކަށް އެއްވެސް މެންބަރަކު އަރާވަޑައިނުގަތުމަށް،"
ނަޝީދު ފާހަގަކުރެއްވި ގޮތުގައި، މަޖިލީހުގައި ބައިވަރު މަސައްކަތްތައް އަދިވެސް ނުނިމި އެބަހުއްޓެވެ. ކޮމިޓީތައް އެކުލަވާނުލެވި އޮތުމުގެ ސަބަބުން މަސައްކަތްތައް މަޑުޖެހިފައިވާ ކަން ފާހަގަކުރައްވައި، ޝަރީފާއި ޔައުގޫބާއި މުޣުނީ ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް ނަޝީދު އަނެއްކާ ވެސް އެދިވަޑައިގަތެވެ.
"އަޅުގަނޑު މެންބަރުންގެ ކިބައިން ވަރަށް ބޮޑަށް އެދެން މަޖިލިސް ހިންގުމަށް ފުރުސަތު ދެއްވުމަށް،"
މިހާހިސާބަށް ޖަލްސާ ދިއުމުން، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވަނީ ނިޒާމީ މައްސަލަ އެއް ނަންގަވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަން އިއްވުމުން ތަޅުން ދޫކުރައްވައި ވަޑައިނުގަންނަވާ މެންބަރުން ޖަލްސާ އަށް ހާޒިރުވެވަޑައިނުގަންނަވާ ކަމަށް ބަލައި، ޖަލްސާ ކުރިއަށް ގެންދިއުމުގެ ބާރު ނަޝީދަށް ލިބިވަޑައިގެންފައިވާ ކަމަށް، މަޖިލީހުގެ ގަވައިދުގެ 65 ވަނަ މާއްދާ އާ ހަވާލާދެއްވައި ވިދާޅުވެފައެވެ.
މީގެ ކުރިން ވެސް އެގޮތަށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފައިވާކަން އުޝާމް ފާހަގަކުރެއްވިއެވެ. އެއާއެކު އުޝާމްގެ ނިޒާމީ މައްސަލަ ބައްލަވައިގަނެ، ނަޝީދު ނިންމެވީ ޝަރީފާއި ޔައުގޫބާއި މުޣުނީ ޖަލްސާ އަށް ހާޒިރުވެވަޑައިނުގަންނަވާ ކަމަށް ބަލައި، ޖަލްސާ ކުރިއަށް ގެންދިއުމަށެވެ.
އޭގެ ފަހުން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އާއި ޝަރީފް މަޖިލީހުގައި ވަޒީރުންނަށް ހާއްސަކޮށް ބަހައްޓާފައި ހުރި ގޮނޑިތަކުގައި އިށީނދެވަޑައިގަތުމުން އެގޮތަށް ދެ މެންބަރުން އަމަލުނުކުރުމަށް ނަޝީދު ތަކުރާރުކޮށް ވަނީ އެދިވަޑައިގެންފައެވެ. ޖަލްސާ ފުރަތަމަ މެދުކަނޑާލުމުގެ ކުރިން ނަން އިއްވި ތިން މެންބަރުންގެ އިތުރުން، ނަޝީދު ވަނީ އަބްދުލްޣަފޫރުގެ ނަން އެންމެ ފަހުން އިއްވައި، ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް އަންގަވައިފައެވެ.
އެންމެފަހުން، ޖަލްސާ ކުރިއަށް ގެންދިއުމުގެ ފުރުސަތު މެންބަރުން ނުދެއްވި ކަމަށް ވިދާޅުވެ، ނަޝީދު ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފައެވެ.