ތަފާތު އެކި ދާއިރާތަކުން ޒުވާނުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށް ދެމުން އަންނަ ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޔޫތު މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ޒުވާނުންގެ އެވޯޑަށް ޝަރުތު ހަމަވާ ފަރާތްތަކުން، ސެޕްޓެމްބަރު 26، 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް އެދިފައެވެ.
މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 16 ދާއިރާއަކުން އިނާމު ދިނުމަށް ނިންމާފައިވާކަމަށެވެ.
މި ގޮތުން މިއަހަރު އެވޯޑް ދިނުމަށް ނިންމާފައިވާ ދައިރާތަކަކީ:
- ވިޔަފާރި އާއި އިގްތިސާދު
- ފަންނުވެރިކަމާ ސަގާފަތް ދިރުވުން
- މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން
- ދަރުމަވެރިކަން
- ނަފްސާނީ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމުގެ މަސައްކަތް
- ވެކޭޝަނަލް ޓްރެއިނިން
- ތިމާވެށި ހިމާޔާތްކުރުމުގެ މަސައްކަތް
- ދަނޑުވެރިކަމުގެ ދާއިރާ
- މަސްވެރިކަމުގެ ދާއިރާ
- މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގެ މަސައްކަތް
- ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމުގެ މަސައްކަތް
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމުގެ މަސައްކަތް
- ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމުގެ މަސައްކަތް
- ދިވެހި ބަސް ދިރުވުމުގެ މަސައްކަތް
- ކުޅިވަރުގެ ދާއިރާ (ކުޅިވަރު ދާއިރާއިން އާދެޔާ ހިލާފު ހުނަރެއް ދައްކާފައިވުން)
- ޝަހީދު ޖަވާދު އުމަރުގެ ހަނދާނީފިލާ
ޔޫތު މިނިސްޓްރީން ބުނީ ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެއް ކަމަށެވެ. އަދި މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެއް ކަމަށެވެ.
މިއަހަރުފެ ޒުވާނުންގެ އިނާމް ދިނުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 22 ވަނަ ދުވަހު ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފްލާގައެވެ.