'ދަ ޑިމޮކްރެޓްސް' އަށް ސޮއިކުރެއްވި މެންބަރުން މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރައްވާ ގޮތަށް އިދާރީ ކަންކަން ދާއިމީ ކޮމިޓީތަކަށް މެންބަރުން އައްޔަނުކުރުން ލަސްކުރުމުން ޖަލްސާ ހޫނުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާ ފެއްޓެވުމަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޑިމޮކްރެޓްސް އާ ގުޅުނު ކަމުގެ ސިޓީ ފޮނުއްވީ ތިން މެންބަރުން ކަމަށެވެ. އެ މެންބަރުންނަކީ:

  • މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން
  • މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
  • މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ

ނަޝީދު ވިދާޅުވީ، ޑިމޮކްރެޓްސްގެ އެހެން މެންބަރުން އެ ޕާޓީ އާ ގުޅިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ އިދާރާ އަށް ސިޓީ ފޮނުއްވުމަށް އެ ޕާޓީ އަށް ފުރުސަތު ދެއްވާނެ ކަމަށާއި، އޭރުން ދާއިމީ ކޮމިޓީތަކަށް މެންބަރުން އައްޔަނުކުރުމުގެ މަސައްކަތް އަވަސްވެ، ކޮމިޓީތައް ހަމަޖެހި، މިހާރު ތަޅުމަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަތަކަށް ބަހުސްގެ ވަގުތު ކަނޑައެޅި މައްސަލަ ކުރިއަށް ދާނެ ކަމަށެވެ.

އެކަމާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން އަޑުއުފުއްލަވަން ފެއްޓެވުމުން، ނަޝީދު ވަނީ ތިން މެންބަރަކު މަޖިލީހުގެ ތަޅުން ދޫކުރައްވައި ނުކުމެވަޑައިގަތުމަށް އަންގަވައިފައެވެ. އެ ތިން މެންބަރުންނަކީ:

  • ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
  • ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ
  • ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ

އެއަށްފަހު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ރައީސް ކުރައްވާ އަމުރަކަށް ކިޔަމަންނުވާ ނަމަ މެންބަރުން ޖެހިވަޑައިގަންނަވާނީ ހޯލުން ނުކުމެވަޑައިގަންނަވަން ކަމަށާއި، މަޖިލީހުގެ ރިޔާސަތުން އަންގާ އެންގުމަށް މެންބަރުން ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވައިދާއި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އޭގެ ފަހުން ވެސް ނަޝީދު ވަނީ އެ ތިން މެންބަރުން މަޖިލީހުގެ ތަޅުން ދޫކުރައްވައި ނުކުމެވަޑައިގަތުމަށް އަންގަވައިފައެވެ. ނަމަވެސް މެންބަރުން ނުކުމެވަޑައިނުގަތުމުން ނަޝީދު ވަނީ ތިން މެންބަރުން މަޖިލީހުގެ ތަޅުމުން ނެރުމަށް ސާޖެންޓް އެޓް އާމްސް އަށް އަންގަވައިފައެވެ.

އެންމެ ފަހުން ޖަލްސާ ހޫނުވެ، މަޖިލިސް ވަނީ މެދުކަނޑާލައިފައެވެ.