އިންޑިޔާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ކުޅިވަރު މުބާރާތް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023،ގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު ބައްދަލު ކުރައްވައިފިއެވެ.
މިއަދު ހަވީރު ސޯޝަލް ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތުގައި އައިއޯއައިޖީ 2023ގައި ރާއްޖެ ތަމްސީލުކުރާ ފްލޭގް ބެއަރާ އިއުލާން ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނީ، ފްލޭގް ބެއަރާސްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޓެނިސް ކުޅުންތެރިޔާ އަބުދުﷲ ފާއިހް ފަޒީލްއާއި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ކަމަށެވެ. މި ރަސްމިއްޔާތުގައި ރައީސް ސޯލިހު، ދީމާ އަށް ފްލޭގް ހަވާލުކޮށްދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ކުޅުންތެރިން އުފައްދާ، ހުނަރުވެރި ގާބިލް، އަދި ހަށިހެޔޮ ޒުވާން ޖީލެއް ބިނާކޮށް، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 3 ގެ ނިޔަލަށް މަޑަގަސްކަރާގައި ކުރިޔަށްގެންދާ އައިއޯއައިޖީ 2023ގައި ރާއްޖެއިން ޖުމްލަ 176 ކުޅުންތެރިން ވާދަކުރެއެވެ.
މިފަހަރު ޖުމްލަ 9 ކުޅިވަރަކާއި ޔޫތްކޭންޕުގައި ރާއްޖެއިން ބައިވެރިވާއިރު އައިއޯއައިޖީގައި ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކުގެ ތެރޭގައި ޓޭބަލް ޓެނިސް، ހޭންޑް ބޯލް، ޓެނިސް، ޕެރަ އެތްލެޓިކްސް، ސްވިމިން، ބާސްކެޓް ބޯލް ހިމެނެއެވެ.