މާދަމާ ފަށާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގެ އެޖެންޑާގައި ވެސް ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމުގެ މައްސަލަ އެޖެންޑާ ކޮށްފިއެވެ.

މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރި އެޖެންޑާގައިވާ ގޮތުން، މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފައި އޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި މިނިވަން މެންބަރުން ކޮމިޓީތަކުގައި ތަމްސީލުކުރައްވާނެ ގޮތަށް ބަދަލު ގެނައުމާ ގުޅޭ މައްސަލަ އެކަންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމައި މެންބަރުން ޗުއްޓީ އަށް ވަޑައިގަތީ މިދިޔަ ޖޫން މަހުގެ 22 ގައި، މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ބުނެ، ދައުރު ދިގުދަންމާލުމަށް އެމްޑީޕީގެ މެންބަރުން އެދިފައިވަނިކޮށެވެ. އޭގެ ފަހުން ދައުރުން ބޭރުން ދެ ޖަލްސާ އެއް ބާއްވާފައިވެއެވެ. އެގޮތުން ބޭއްވި ދެވަނަ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލާނެ ގޮތުގެ ރިޕޯޓު ވަނީ ފާސްކޮށްފައެވެ.

މާދަމާ މަޖިލީހުގެ ޖަލްސާތައް އަލުން ފަށާއިރު، މަޖިލީހުގެ މައިނޯރިޓީ އާ ޕާޓީއަކީ މިހާރު "ދަ ޑިމޮކްރެޓްސް" އެވެ. އެމްޑީޕީގައި އޭރު ތިއްބެވި މެންބަރުން އެ ޕާޓީން ވަކިވެ، އުފެއްދި ޑިމޮކްރެޓްސް ތަމްސީލުކުރައްވާ 13 މެންބަރުން މިހާރު އެބަ ތިއްބެވިއެވެ. އެހެންކަމުން މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ލަގަބު، ފަސް މެންބަރުންގެ ޕީޕީއެމަށް ވަނީ ގެއްލިފައެވެ.

ޗުއްޓީ އަށް މަޖިލިސް ދިޔައިރު، ކޮމިޓީތައް އެކުލަވާނުލެވި އޮތުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހަށް ވައްދާފައިވާ މައްސަލަ އާއި، އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ ނަޝާތުގެ ދައުރު ހަމަވެފައިވާތީ އާ މެންބަރެއް ކަނޑައެޅުން ފަދަ މުހިންމު މައްސަލަތައް ވަނީ ހުއްޓިފައެވެ.