ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވައިގެން ހުންނެވި ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ޕީޕީއެމް/ޕީއެންސީ ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައްދު ދެއްވައިފި އެވެ.

ޕީޕީއެމްއިން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ޑރ. ވަހީދު ށ. ގޮއިދޫގައި މިއަދު ބޭއްވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، ގާސިމް އިބްރާހިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޕީޕީއެމްގެ ކެންޑިޑޭޓަކު ހުންނެވި ކަމަށް ބައެއް މީހުން ބުނި ނަމަވެސް ޕީޕީއެމްގެ އަސްލު ކެންޑިޑޭޓަކު ނެތް ކަމަށެވެ.

އަދި ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒަކީ އެމްޑީޕީގެ އެޖެންޓެއް ކަމަށް ވިދާޅުވެ އިތުރަށް ވަހީދު ވިދާޅުވީ "ޕީޕީއެމްގެ ކެންޑިޑޭޓެއް މިއަދަކު ނެތޭ. މިއަދު ހުރީ ކުޑަކުޑަ ޕާޓީއަކުން ނުކުމެ ހުރި، އެމްޑީޕީ މީހުން ބުނާ ގޮތުން ވިއްޔާ، އެ ބޭފުޅުންގެ އެޖެންޓެއް. [އެމްޑީޕީ] މީހުން ފައިސާ ދީގެން [ސެނެޓުގެ] 25 ވޯޓު ގަތް ބޭފުޅެއް،" ކަމަށް ވިދާޅުވެ ވަހީދު މުއިއްޒުއަށް ފާޑުވިދާޅުވިއެވެ.

މީގެ އިތުރުންވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ޕީޕީއެމްގެ ޓިކެޓު ލިބިވަޑައިގަތުމަށް އުންމީދު ކުރެއްވި ކަމަށް ރޭ ހދ. ކުޅުދުއްފުށީގައި ޖޭޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވަހީދު ވަނީ ވިދާޅުވެފައެވެ. އަދި ޔާމީންގެ އަރިހުގައި ޕީޕީއެމްގައި ހުންނަވާތާ 10 އަހަރު ވެފައިވާ ކަމަށާއި، އުންމީދު ކުރެއްވީ ޔާމީންއަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ޕީޕީއެމުން އެ މަނިކުފާނަށް ފުރުސަތު ދެއްވާނެ ކަމަށެވެ.

ކެމްޕެއިން ދަތުރުގައި ވ. ފެލިދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި އެ ވާހަކަތަކަށް ރައްދު ދެއްވަމުން އަދުރޭ ވަނީ މިދިޔަ ފަސް އަހަރު ޕީޕީއެމް އެންމެ ނިކަމެތިވި ދުވަހު ވަހީދު ހުންނެވީ ކޮން ތާކުތޯ ސުވާލު އުފައްދަވާފައެވެ. "އޭރު ކޮން ތާކުތޯ ވަހީދު ހުންނެވީ؟ ކޮން ކަމެއްތޯ ޕާޓީއަށް ކޮށްދެއްވީ؟ ރައީސް ޔާމީންގެ ހައްގުގައި، އެމަނިކުފާނުގެ ދިފާއުގައި ކުރެއްވީ ކޮން ކަމެއްތޯ؟،" އަބްދުއްރަހީމް ސުވާލު ކުރެއްވިއެވެ.

ޕާޓީ އެންމެ ނިކަމެތިވި ދުވަހު ޕާޓީއާ ދުރުުގައި ހުންނެވުމަށް ފަހު، ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ އެކު، ވަހީދު ކުއްލިއަކަށް ވަޑައިގަތް ކަމަށް އަދުރޭ ވިދާޅުވިއެވެ. "ސުޕްރީމް ކޯޓުގެ ހުކުމާ އެކު ލީޑާޝިޕް ބައްދަލުވުން ބޭއްވި ދުވަހު ކޮޅު ގޮނޑީގައި އިށީނދެވަޑައިގެންނެވީ. އަޅުގަނޑު ހައިރާންވި. ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ނޫން ޑރ. ވަހީދަކީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ވަހީދަކީ ޔާމީން މިނިވަން ކުރުމަށް އެއްވެސް ކަމެއް ކޮށްދެއްވާފައި ނުވާ ބޭފުޅެއްކަން ފާހަގަކުރައްވާ އަދުރޭ އިތުރަށް ވިދާޅުވީ "ކޮން ތާކަށް ގޮސްފަތޯ އެ ވާހަކަ ދެއްކެވީ؟ ކުރީގެ ރައީސްގެ ހައިސިއްޔަތުން ކޮން ބަޔާނެއްތޯ ނެރުއްވީ؟ މިއިން އެއްވެސް ކަމެއް ނުކޮށް ހުރެފައި، ބަންކިޔާފައި އައިސް ބާޒެއްހެން އަޅުގަނޑުމެންގެ މައްޗަށް ޖެހިގެންފައި ޓިކެޓް ހޯދަން މިއައީ" ކަމަށް ވިދާޅުވަމުން އަދުރޭ ވިދާޅުވީ، މިއަދު އެފަދަ ވާހަކަތައް އެ ދައްކަވަނީ ކުރީގެ ރައީސް ޔާމީން ބަދުނާމު ކުރެއްވުމަށް ކަމަށެވެ.

ވަހީދުގެ އެވާހަކަތަކަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވަމުން ދާއިރު އެކަމާ ގުޅިގެން ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ "ޕީއެންސީގެ ޓިކެޓަކީ އާދައިގެ ގޮތަކަށް ލިބޭ އެއްޗެއް ނޫން އެއީ ރައީސް ޔާމީންގެ ތާއީދާއެއްކޮށް ލިބޭ އެއްޗެއް. ލޮބުވެތި މެންބަރުންގެ ހިތުން ރުހުމާއެކު ލިބޭ އެއްޗެއް. ސެނެޓުގެ މެންބަރުންގެ ރުހުމާއެކު ލިބޭ އެއްޗެއް. ހަމަ ހުރެފަ ބޭނުމީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމޭ ބުންޏަކަސް ތަބަކަކަށްލާފައި ދޭ ބައެއް ނޫން މީކީ" ފަޒުލް ވިދާޅުވިއެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަ ކުރާ އިރު އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްއެންޕީގެ ކެންޑިޑޭޓް، ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އަމިއްލަ ގޮތުން ވާދަ ކުރައްވާ 3 ކެންޑިޑޭޓުން ކަމަށް ވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި، ޑިފެންސްގެ ކުރީގެ ސްޓޭޓް ހަސަން ޒަމީލްއެވެ.

އިންތިހާބަށް ވަގުތު ކުޑަތަން ވަމުން އަންނައިރު ހުރިހާ ކެންޑިޑޭޓުންވެސް ދަނީ ފޯރީގައި ކެމްޕެއިން އެކިއެކި ހަރަކާތްތައް ހިންގަމުންނެވެ.