ފީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކަމެއްކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީގެ ސްޕީޑްގައި އެކަން ކޮށްދެއްވާނަން ކަމަށް ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މުއިއްޒުގެ ކެމްޕެއިނަށް ވ. ފެލިދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ މިއަދު މިހިސާބަށް އައިއިރު ދިވެހި ގައުމު އޮތް ހިސާބަކާ ދޭތެރޭގައި ވިސްނާލަން ޖެހޭ ކަމަށެވެ. އަދި ފެލިދޫއަށް ބޭނުންވެފައިވާ ކަންކަން ފާހަގަކުރައްވާ އެ ރަށުގެ ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވާ ފަޒުލް ވިދާޅުވީ މުއިއްޒު ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެނަމަ 100 ޕަސެންޓް ޔަގީންކަމާއެކު ރައީސް ޔާމީންގެ ސްޕީޑްގައި އެކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

ފަޒުލް ވިދާޅުވީ މުއިއްޒަކީ ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި މާލޭއާއި ރަށްރަށުގައި ކުރެވިފައި ހުރި މަސައްކަތްތަކާއި ތިން އަހަރުން ބްރިޖެއް ނިންމާލުމުގެ ޝަރަފް ހޯއްދެއްވި ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ 5 އަހަރުގެ މަސައްކަތުގެ ތެރެއިން ބަނދަރު ހެނދުމާއި މަގުތަކާއި ފެނާއި ނަރުދަމާއި ހެދިގެން ދިޔައީ ރައީސް ޔާމީންގެ އިރުޝާދާއި ލަފާގެ މަތިން އޭރު ތިބި މިނިސްޓަރުންގެ ހީވާގިކަމުން ކަމަށް ފަޒުލް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ލަފާފުޅާއި އިރުޝާދުގެ މަތިން އޭރު ހުންނެވި މިނިސްޓަރެއް މިއަދު ރައީސް ޔާމީން ދައްކަވާފައި މި ބުނަނީ މިއޭ ކެންޑިޑޭޓަކީ އެހެންވީމާ އަޅުގަނޑުމެން ޝައްކެތް ނުކުރަން އެ ކެންޑިޑޭޓަކާމެދުއެއް"
ފަޒުލް

ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރެއްވި ފަޒުލް ވިދާޅުވީ އޭރުގައި ފަތިސް ނަމާދަށްފަހު މިނިސްޓަރެއްގެ ފޯނު ކޯލަކަށް އޭނާއަށް ލިބެވަޑައިގަންނަވަނީ މުއިއްޒުގެ ފޯނު ކޯލެއް ކަމަށާއި ދަންވަރު ގަޑީވެސް ގުޅުއްވާ ކަމަށާއި އަދި މާލެއަށް ވާރޭ ވެހިއްޖެނަމަ އަބަދު ގުޅުއްވާ ކަމަށެވެ.

ފަޒުލް ވިދާޅުވީ އެ ފޯނު ކޯލަކީ ރައްޔިތުންނަށްދޭ ހިދުމަތްތައް ގަޑިން ގަޑިއަށް ވަގުތުން ވަގުތަށް ރަނގަޅުތޯ ބައްލަވަން އަންނަ ފޯނު ކޯލެއް ކަަމަށާއި ޕަންޕު ސްޓޭޝަންތައް މަސައްކަތް ކުރޭތޯއާއި ފެނާއި ނަރުދަމާ މަސައްކަތްތައް ކުރިއަށްދޭތޯ ބެލުމަށް އަންނަ ފޯނު ކޯލުތަކެއް ކަމަށެވެ.