އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ލިޔުންތައް ދިފާއީ ވަކީލުންނާ ހަވާލުކޮށްފައިވާ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރު ނިންމަވައިފިއެވެ.

ޕީޖީ އޮފީހުން ބުނީ، މޭރީ މަރާލިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދަޢުވާ ލިބޭ، ހަލީމަތު ލަމްހާ އާއި މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް ހުށަހެޅި ދަޢުވާތަކާ ގުޅިގެން ހެކިބަސް ނެގުމުގެ އަޑުއެހުމެއް އޮގަސްޓް 15، 2023 ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކުރި ކަމަށެވެ.

މި އަޑުއެހުމުގައި ދައުލަތުން ކުރާ ދައުވާއަށް ބަދަލު ގެނެސްފައިވާކަން އެއްވެސް މިންވަރަކަށް ދައުވާ ލިބޭ ފަރާތްތަކަށް އަންގާފައިނުވާކަމަށް ބުނެ، ދިފާއީ ވަކީލުން ހެކިބަސް ނެގުމަށް އިއުތިރާޒްކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އެކަން އެ ފަރާތްތަކުގެ ނޯޓިސްއަށް އައިސްފައިނުވާ ކަމަށާއި، ޝަރީއަތުގެ މަޖިލީހުގައި މިކަމުގެ އެއްވެސް ވާހަކައެއް ދައްކާފައިނުވާތީ، އެކަމުގެ ކަންބޮޑުވުން ހާމަކޮށް، މި ފަދަ ބޭއިންސާފުވެރި ގޮތަކަށް ދައުލަތުން އަމަލު ކުރިކަމުގެ މައްޗަށް ވާހަކަ ދައްކާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ، މި މައްސަލާގައި ހެކިބަސް ނެގުން ފަސްކޮށް، މިކަން ވެފައިވާގޮތަށް ސާފުކުރުމަށް ޝަރީއަތުން ނިންމާފައިވާ ކަމަށެވެ.

އެއޮފީހުން އިތުރަށް ބުނީ މިމަހުގެ 16 ވަނަ ދުވަހު އޮތް މިމައްސަލައިގެ އަޑު އެހުމުގައި މިމައްސަލައިގައި ހިމެނޭ ލިޔުންތައް ދިފާޢީ ވަކީލުންނަށް ކޯޓުން ދޫކުރައްވާފައިވާކަމަށާއި، އެ ލިޔުންތަކާބެހޭ ގޮތުން މައްސަލައިގައި ހިމެނޭ ހުރިހާ ޚަޞްމުން ވާހަކަ ދައްކާފައިވާކަން، މަޙްޟަރު ބަޔާންތަކުން ފެންނަން އޮތްކަމަށް ފަނޑިޔާރު ވިދާޅުވިކަމަށެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރި ވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އަދި މޭރީގެ ފިރިމީހާ މާވިން އެސް ވައި ވާގަސްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ލަމްހާގެ މައްޗަށް ކޮށްފައިވާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތު ކުރުމަށް 110 ހެކި ދައުލަތުން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން 74 ހެއްކަކީ ޝަފައީ ހެއްކެވެ. އަނެއް ދެ ދައުވާ ސާބިތުކުރުމަށް 18 ހެކި ހުށަހަޅާފައި ވާއިރު އޭގެތެރޭގައި 11 ޝަފައީ ހެކި ހިމެނެއެވެ. ލަމްހާގެ މައްޗަށް ކޮށްފައިވާ 3 ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް 10 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މޭރީ މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު 27 ގައެވެ. ލަމްހާ ހައްޔަރު ކުރީ އެ އަހަރުގެ ޑިސެމްބަރު 16 ގައެވެ.

މި މައްސަލައާ ގުޅިގެން ލަމްހާއަށް ނަފްސާނީ ބައްޔާ ކުރިމަތިލާން ޖެހިފައި ވާކަން ފާހަގަ ކޮށް 100 ދުވަހަށް ބަންދުން ދޫކުރުމަށް އޭނާގެ ވަކީލުން މީގެ ކުރިން ހުށަހެޅި ނަމަވެސް, ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވެފައި ވަނީ ޝަރީއަތް ނިމެންދެން ލަމްހާ ބަންދު ކޮށްފައި ވާ ސަބަބަށް ބަދަލު ނާންނަ ކަމަށެވެ. ލަމްހާ ބަންދު ކޮށްފައި ވަނީ އޭނާ ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުގެ އިތުރުން މުޖުތަމައަށް ނުރައްކާލެއް އޮވެދާނެތީއެވެ.