"ބިންވެރިޔާ ސްކީމް" ގެ ދަށުން މާލެއިން ބަންޑާރަ ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ދާއިމީ ލިސްޓްގެ ގުރުއަތު ނެގުމުގެ މަކަރު ހެދުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެކަމުގެ ޔަގީންކަން ޕްލޭނިން މިނިސްޓްރީން ދީފިއެވެ.

އެ މިނިސްޓްރީން އެކަމުގެ ޔަގީންކަން ދީފައިވަނީ މާލޭ ސަރަހައްދުން ހިލޭ ދޫކުރާ ބިންތަކުގެ ތެރެއިން، ބިން ލިބޭތަން ކަނޑައަޅަން ނަގާ ގުރުއަތުގެ ތެރެއިން މަކަރު ހަދައި ވަކި ބަޔަަކަށް ހުޅުމާލެއިން ބިން ދޭކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޕްލޭނިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާލެ ސަރަޙައްދުން ހިލޭ ގޯތި ދޫކުރަން ނިންމެވި ހިސާބުން ފެށިގެން މިހާތަނަށް ވެސް މަސައްކަތްކުރަމުން އައިސްފައިވަނީ އިންސާފުވެރިކަމާއެކު ހަމަހަމަ އުސޫލެއްގެ ދަށުން ކަމަށެވެ.

އަދި ގޯތި ގުރުނެގުމުގެ މަސައްކަތާއި ގޯތި ކެނޑުމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދަވަނީ ވަކި ކޮޅަކަށް ބުރަނުވެ، އިންސާފުވެރި ކަމާއެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ގުރުނަގާ ކަރުދާސްތައް ބަހައްޓާފައި ހުންނަ ތަނުގައި ފުލުހުން 24 ގަޑިއިރު ފޯރިމަރަމުންދާ ކަމަށް ވެސް އާރިފް ފާހަގަކުރެއްވިއެވެ.

ފޮށި ބަންދުކުރަނީވެސް ގުރުނަގަން އައިސް ތިބި މީހުން ނިމުމާއެކު އެމީހުންގެ ހާޒިރުގައި. އަދި އެނެއް ދުވަހު އަލުން ގުރު ނަގަންފަށަނީވެސް އެ މީހުންގެ ހާޒިރުގައި. އެ ދުވަހަކަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ގުރުނަގާ ނިމުމުންވެސް މި ސަރަހައްދު ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާނެ. އެހެންކަމުން ވަކި ބަޔަކަށް ވަކި ތަނަކުން ގޯތި ދެވިދޭނެކަމަށް ގަބޫލެއް ނުކުރަން.
އާރިފް

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު އެއީ 9003 ގޯތި ކަމަށް އެމިނިސްޓްރީން ބުނެފައި ވެއެވެ.

ބިންވެރިޔާ ސްކީމްގެ ގުރުއަތުލުން ފަށާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. މިނިސްޓްރީން ބުނީ މިމަހުގެ 20 ވަނީ ދުވަހުގެ ނިޔަލަށް ގުރުއަތުލުން ކުރިއަށްދާނެ ކަމަށާއި، ގުރުއަތުލުމަށް ނާންނަ މީހުންނަށް އެ ދުވަހާއި ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

ކޮންމެ ފަރާތަކަށް ވެސް ގުރުއަތު ނަގަން ދިއުމަށް އެއް ގަޑިއިރުގެ ވަގުތެއް ދޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ގޯތި ލިބޭ ފަރާތް ނޫން އެހެން ފަރާތެއް ގުރުއަތު ނަގަން ފޮނުވާ ނަމަ، އެމީހެއްގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އެހެންކަމުން ގުރުއަތު ނަގަން ދީފައިވާ ވަގުތަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް ބުނެފައި ވެއެވެ. އަދި ދީފައިވާ ވަގުތަށް ގުރުއަތު ނަގަން ނުދެވިއްޖެ ނަމަ، ގުރުއަތު ނަގާނީ މިނިސްޓްރީން ކަނޑައަޅާފައިވާ މީހެއް ކަމަށް ވެސް ބުނެއެވެ.

މާލޭގެ ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވައުދެކެވެ.