ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށް، 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެހީވެދިނުމަށް އެދި ޔޫރޮޕިއަން ޔޫނިއަން (އީޔޫ)ގެ އެހީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް އެ ކަމުގެ ތެރެއަށް ނުވަންނާނެ ކަމަށް އެ ޔޫނިއަނުން ބުނެފިއެވެ.

އީޔޫގެ އިންތިހާބީ ވަފުދުން މިއަދު ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ވަފުދުގެ ޗީފް އޮބްޒާވަރު ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު، ނާޗޯ ސަންޗޭޒް އަމޯރް ވިދާޅުވީ އެ ވަފުދުގެ ޒިންމާއަކީ އިންތިހާބު އޮބްޒާވް ކުރުން ކަމަށާއި، އޭގެ ބޭރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

އަދި ޔާމީންގެ މައްސަލަ މިހާރު އޮތީ ކޯޓުތަކުގައި ކަމަށާއި، ޝަރުއީ ދާއިރާގެ ކަންކަމުގެ ތެރެއަށް ވަދެ އެ ވަފުދުން ބަސްނުބުނާނެ ކަމަށްވެސް އަމޯރް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ވެސް އީޔޫގެ މިޝަނަކުން އޮބްޒާވު ކުރި ކަން ފާހަގަ ކުރައްވައި، އޭނާ އިތުރަށް ވިދާޅުވީ މި ފަހަރުގެ ރިޔާސީ އިންތިހާބު އޮބްޒާވް ކުރަން ހަރަކާތްތެރި ވަނީ މިހާތަނަށް ހަރަކާތްތެރިވާ އެންމެ ބޮޑު އެއް ޓީމު ކަމަށެވެ.

ރާއްޖޭގައި މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމަށް ގަބޫލު ކުރެވޭތޯ ނޫސްވެރިން ސުވާލު ކުރި ނަމަވެސް އެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އޭނާ ވަނީ އުޒުރުވެރިވެ ވަޑައިގެންފައެވެ. އަދި އިންތިހާބާ ބެހޭ ގޮތުން ހޯދާ ހޯދުންތައް ޝާއިއު ކުރާނީ އިންތިހާބަށް ފަހުގައި ކަމަށްވެސް އަމޯރް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު އުއްމީދުކުރަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި ސިޔާސީ ޕާޓީތަކުން ވެސް އިންތިހާބުގެ ކުރިންނާއި އިންތިހާބުގެ ތެރޭގައި އަދި ފަހުން ވެސް ޑިމޮކްރެޓިކް އަސާސްތައް ހިފަހައްޓައި، އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް،"
ނާޗޯ ސަންޗޭޒް އަމޯރް

ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައި ވަނީ މިދިޔަ އަންގާރަ ދުވަހު އީޔޫ ޓީމްގެ ޗީފް އޮބްޒާވަރު ސަންޗޭޒް އަމޯރް އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ. ޔާމީން ގެއަށް ބަދަލު ކުރުމަށް ރައީސް ނަޝީދު އީޔޫގެ އެހީއަށް އެދިވަޑައިގެންފައި ވާއިރު މީގެ ކުރިން އެމަނިކުފާނު ވަނީ ޔާމީން މިނިވަން ކުރުމަށް ވެސް ގޮވާލައްވާފައެވެ.

މީގެ އިތުރުންވެސް ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރެއްވުމުގެ ބަދަލުގައި ޑިމޮކްރަޓްސްގެ ފަހަތަށް އިދިކޮޅު މައި ޕާޓީ ޕީޕީއެމް އެރުމަށްވެސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. އަދި އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 200 އަށްވުރެ ގިނަ މީހުން ޝާމިލް ވާއިރު ހަމައެކަނި ރައީސް ޔާމީނަށް އެކަމުގެ އަދަބު ލިބުމަކީ އެއްވެސް އިންސާފެއް ނޫންކަމަށް ވިދާޅުވެ ނަޝީދު ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ރިޔާސީ އިންތިހާބުން ޔާމީނަށް ފުރުސަތު އެއްކޮށް ބަންދުވުމުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ނެރުނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒުވެސް ވިދާޅުވެފައި ވަނީ ވެރިކަމަށް ހޮވިއްޖެނަމަ އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ޔާމީން މިނިވަން ކުރުން ކަމަށެވެ.