ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ކުށް މަދު އެއް ގައުމު ކަމަށް ވާ ސިންގަޕޫރުގައި ފުލުހުން ހިންގި މަނީލޯންޑަރިންގެ ބޮޑު އޮޕަރޭޝަނެއްގައި ފައިސާ އާއި، ލަޒްރީ ކާރުތަކާއި ލަގްޒަރީ ގެތަކާއި ލަގްޒަރީ ހޭންޑް ބޭގުތަކެއް އަތުލައި 10 މީހަކު ހައްޔަރު ކޮށްފިއެވެ.
މިއީ ސިންގަޕޫރުގައި ހިންގި މަނީލޯންޑަރިންނާ ގުޅޭ އެންމެ ބޮޑު އޮޕަރޭޝަން ކަމަށް ވާއިރު، އަތުލައިގަތް ތަކެއްޗާއި ފައިސާ އެއްކުރުމުން ޖުމްލަ 1 ބިލިއަން ސިންގަޕޫރު ޑޮލަރު (735 މިލިއަން އެމެރިކާ ޑޮލަރު) އަށް އަރާ ކަމަށް އޮފިޝަލުން ބުނެއެވެ.
މި މައްސަލައިގައި ފުލުހުން 10 މީހަކު ހައްޔަރު ކޮށްފައި ވާ އިރު އެ އެންމެންގެ އަތުގައިވެސް އެހެން ގައުމުތަކުގެ ޕާސްޕޯޓް އޮތް ކަމަށް ވެސް އޮފިޝަލުން ބުނެއެވެ. އޭގެ ތެރޭގައި ޗައިނާ، ކެމްބޯޑިއާ، ތުރުކީ އަދި ވަނުއަޓޫގެ ޕާސްޕޯޓް އޮތް ކަމަށާއި އެއީ އުމުރުން 31 އަހަރާއި 44 އަހަރާ ދެމެދުގެ މީހުން ކަމަށް ބުނެފައި ވެއެވެ.
ފުލުހުން ބުނީ، އެކި ދުވަސްމަތިން ސިންގަޕޫރުގެ އެކި ސަރަހައްދުތަކުގައި ހިންގި އޮޕަރޭޝަންގައި ސިންގަޕޫރުގެ އެންމެ އަގުބޮޑު ސަރަހައްދުތައް ހިމެނޭހެން ޖުމްލަ 94 ގެއަކާއި 50 ވެހިކަލް ހިފަހައްޓާފައި ވާ ކަމަށެވެ.
ހައްޔަރު ކުރި 10 މީހުންގެ މައްޗަށް މަނީލޯންޑަރިން އާއި މަކަރުހަދާ އޮޅުވާލުމުގެ ތުހުމަތު އޮތް އިރު އަތުލައިގަތް ތަކެތީގެ ތެރޭގައި ދުނިޔޭގެ މަޝްހުރު ބްރޭންޑްތަކުގެ އަތް ދަބަސްތައްވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ. އަދި އެމީހުން އެކަން ކުރަމުން ގެންދިޔައީ އެމީސްމީހުން ނިސްބަތްވާ ގައުމުތަކުގެ އެކިއެކި ޖަމާއަތްތަކާ ގުޅިގެން ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތު ކޮށްފައެވެ.
ފުލުހުންގެ ކޮމާޝަން އެފެއާޒް ޑިޕާޓްމަންޓުގެ ވެރިޔާ ޑޭވިޑް ޗޫ ވިދާޅުވީ، ކުށްވެރިންނަށް ސިންގަޕޫރުގައި ރައްކާތެރިކަމެއް ނޯންނާނެ ކަމަށާާއި ކޮރަޕްޝަނާއި މަނީލޯންޑަރިން ފަދަ ކަންކަމަށް އެގައުމުގައި އޮންނަނީ 'ޒީރޯ ޓޮލަރެންސް' ސިޔާސަތެއް ކަމަށެވެ.
ފުލުހުން ބުނީ، އެ އޮޕަރޭޝަނާ ގުޅިގެން މިހާތަނަށް 12 މީހަކު ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެމުން ގެންދާ ކަމަށާއި އަދިވެސް އަތުނުވާ 8 މީހަކު ވޯންޑަޑް ލިސްޓުގައި އެބައޮތް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ސިންގަޕޫރުގެ މަނިޓަރީ އޮތޯރިޓީން ބުނީ، މާލީ އެހެން އިދާރާތަކާ ގުޅިގެން ފައިސާ ދައުރުކޮށްފައި ހުރި ގޮތް ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި ނަހަމަ ގޮތުގައި މުއާމަލާތްތައް ހިންގާފައި ވާނަމަ އެކަމެއް ހިންގި މާލީ އިދާރާއަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައި ވެއެވެ.