ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާލާސްކަންފުޅާ އުޅުއްވާތީ, އއ. އާއި އދ. އަތޮޅަށް މިހާރު ކުރަށްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅު ކުރުކޮށްލުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވަން ނިންމަވައިފިއެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އިއްޔެ ވަނީ އއ އަތޮޅުގެ ހަތް ރަށަކަށް ވަޑައިގެންފައެވެ. އަދި މިއަދު ހެނދުނު އެ އަތޮޅު ހިމަންދޫއަށް ވަޑައިގަތުމަށް ނިންމަވާފައި އޮތް ނަމަވެސް ރައީސް އާލާސްކަންފުޅާ އުޅުއްވާތީ ދަތުރު މެދުކަނޑާލާ, މިއަދު މާލެ ވަޑައިގަންނަވާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ.

މިދިޔަ ޖުލައި މަހު ފެއްޓެވި ކެމްޕެއިން ދަތުރުފުޅު ފަށްޓަވާފައި ވަނީ ށ. އަތޮޅުންނެވެ. އަދި މިހާތަނަށް އެމަނިކުފާނު ވަނީ 11 އަތޮޅަކަށް ޒިޔާރަތް ކުރައްވާފައެވެ.

އަންނަ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓަކު ވާދަ ކުރާ އިރު އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްއެންޕީގެ ކެންޑިޑޭޓް، ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އަމިއްލަ ގޮތުން ވާދަ ކުރައްވާ 3 ކެންޑިޑޭޓުން ކަމަށް ވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި، ޑިފެންސްގެ ކުރީގެ ސްޓޭޓް ހަސަން ޒަމީލްއެވެ.

އަދި އަމިއްލަ ގޮތުން އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ވަނީ ކުރިމަތިލައްވާފައެވެ. އެހެންކަމުން މިއީ 2008 ވަނަ އަހަރަށް ފަހު އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބަށް ވުން އެކަށީގެންވެއެވެ.