މީގެ ތިން އަހަރުކުރިން ޝޫޓްކޮށް ނިމި ސިނަމާތަކަށް ގެންނަން ތައްޔާރު ވެފައި ވަނިކޮށް ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން ނޭޅުވުނު ފިލްމު "ނޮވެމްބަރ" އަންނަ ޑިސެމްބަރު މަހު ގެނެސްދޭން ނިންމައިފިއެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމު "ނޮވެމްބަރ" އަންނަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު މި ފިލްމު އެ ތާރީހުގައި އަޅުވަން ނިންމީ އެ ތާރީހުގައި ކުރިން އަޅުވަން އުޅުނު ޑާކްރެއިންގެ ފިލްމު "ފުރޭތަ" އަންނަ އަހަރަށް ފަސްކުރުމަށްފަހުއެވެ. މިހާރު ވާ ގޮތުންނަމަ ފުރޭތަ ސިނަމާއަށް އަންނާނީ އަންނަ ޖަނަވަރީ މަހުގެ އަށް ވަނަ ދުވަހުއެވެ. މާނަ އަކީ ޑާކްރެއިންގެ ދެ ފިލްމެއް ޖެހިޖެހިގެން ބެލުންތެރިންނަށް ފެންނާނެއެވެ. މި ފިލްމު އޭރު ރިލީޒްނުކުރެވުނީ މި ފިލްމުގެ ބަތަލު ޖުމައްޔިލް ނިމާލް ގެ މައްޗަށް ތުހުމަތުތަކެއް ކުރެވުމާއެކުގައެވެ. އޭރު މި ފިލްމުގެ ހުރިހާ މަސައްކަތެއް ނިމި އޮތީ ސިނަމާގައި އަޅުވާނެ ތާރީހެއްވެސް ދީފައެވެ. ނަމަވެސް އެ މައްސަލައާއި ކޮވިޑްގެ ސަބަބުން ފިލްމު ފަސްކުރީއެވެ. ނަމަވެސް މިހާރު މި ފިލްމު އަލުވަން މާ ބޮޑު މައްސަލައެއް ނުފެންނާތީ ފިލްމު އަޅުވަން ނިންމިއެވެ. އެކްޓަރު ޖުމައްޔިލް ވަނީ މިހާރު އޮލިމްޕަސް ސިނަމާގައި ދައްކަމުން އަންނަ ފިލްމު "ނީނާ" ގެ މުހިއްމު ރޯލަކުން ފެނިފައެވެ.
މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ޝޫޓިންތައް ނެގީ ސިންގަޕޫރު އަދި އައްޑޫގައެވެ. ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރ"ގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ. "ނޮވެމްބަރ" އަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ. މި ފިލްމަކީ ޖުމައްޔިލް އާއި މަޖުދާ ކަޕްލް އެއްގެ ގޮތުގައި ފެނިގެންދާނެ ފަހު ފިލްމުވެސްމެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ މި ފިލްމަކީ ޑާކްރެއިނުން މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ފިލްމު ކަމަށެވެ. ބޮޑު ބަޖެޓަކުން އުފެއްދި މި ފިލްމުގައި ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއިލް ވަޖީހުގެ ހާއްސަ ފެނިލުމެއްވެސް ފެނިގެންދާނެއެވެ. އެ ކުންފުނިން ވަނީ މިއަހަރު އެމީހުންގެ ފުރަތަމަ ފިލްމު "ބީވީމާ" ސިނަމާއަށް ދޫކޮށްލާފައެވެ. އެ ފިލްމަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.