އަންހެނުންގެ ވިސްނުމާއި ހިޔާލާ ނުލައި ރާއްޖެ އާއި މުޖުތަމައު ވެސް ތަރައްގީ ނުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އއ. އަތޮޅަށް އެމަނިކުފާނު ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި މިއަދު މަތިވެރިއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ތަރައްގީގެ ކަންތައްތަކުގައި ދެ ޖިންސުގެ ވިސްނުމާއި ހިޔާލު އެއްގޮތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އާބާދީގެ 50 ޕަސެންޓަކީ އަންހެނުން ކަމަށާއި އެ މީހުންގެ ވިސްނުން ނެތި ރާއްޖެ ވެސް އަދި މުޖުތަމައު ވެސް ތަރައްގީ ނުކުރެވޭނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި ބަދަލުތަކުގެ ތެރޭގައި ކައުންސިލްގެ 33 ޕަސެންޓު އަންހެނުންނަށް ރިޒާވް ކޮށްފައިވީ ނަމަވެސް އަދި ވެސް ބަދަލު ގެންނަން ޖެހޭ ކަންކަން އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ އޮލެވަންސް އަދި މަސައްކަތް ކުރާނެ ޖާގައިގެ ކަންކަން މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށާއި އެކަންކަން އަދި ސިޔާސަތުތައް އިއުލާނު ކުރާއިރު ހާމަކުރައްވާނެ ކަމަށް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ތަރައްގީގެ މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އާބާދީ ކުޑަ ރަށެއްނަމަ ޗާޓަށް ނާރާ ކަމަށެވެ. އެއާހިލާފަށް އެމްޑީޕީގެ މެނިފެސްޓޯއާއެކީ ގިނަ މަަސައްކަތްތަކެއް ހުރިހާ ދިމާއެއްގައި ވެސް ކުރެވެމުން ނިމެމުންދާ ކަމަށެވެ.

"ތިބޭފުޅުންނަށް ޔަގީންކޮށް މި އަރުވަނީ އަޅުގަނޑުމެން ވީ ވައުދުތައް ފުއްދަމުން ދިޔަ ގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގަ މިރަށަށް އަޅުގަނޑުމެންވާ ވައުދުތައް ވެސް ބަރާބަރަށް އަޅުގަނޑުމެން ފުއްދާނެ ކަމުގެ ޔަގީންކަން"
ރައީސް ސޯލިހް

ރައީސް ސޯލިހް މަތިވެރިއަށް ވެވަޑައިގެންނެވި ވައުދުތައް:

  • ހައުސިން ޔުނިޓް އަޅުން

  • ޒަމާނީ ފެންވަރުގެ މިސްކިތެއް ބިނާކުރުން

  • ހޭންޑްބޯޅަ ކޯޓެއް އެޅުން

  • ސުކޫލް އޮފީސް އިމާރާތް، ލެބޯރިޓީ ރޫމް ގާއިމް ކުރުން

  • ހެލްތް ސެންޓަރު 24 ގަޑިއިރަށް ބަދަލުކޮށް، އިތުރު ވަސީލަތްތަކާއެކުގައި ރަނގަޅު ހިދުމަތް ލިބޭ ތަނަކަށް ހަދައިދިނުން

  • އާ އިންޖީނުގެ އެޅުން

  • އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް

  • ދޯނި އެހެލާ ތަނެއް ހެދުން

ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ ވައުދު ވެވަޑައިގަންނަވަނީ ވައުދު ފުއްދަވަން ކަމަށެވެ. އަދި ވައުދު ވެވަޑައިގަންނަވަނީ ރާއްޖެ ބަދަލުކުރުމާއި ބިނާކުރަން ކަމަށާއި ކުރިއަަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުގައި އެޅި ބިންގަލުގެ މަތީގައި ތަފާތު ބޮޑު ބަދަލުތަކެއް ރަށްރަށަށް އަންނަތަން ފެނިގެންދާނެ ކަމަށެވެ.