ރަޝިއާގައި މިހާރު ކުރިއަށް ދާ 'މޮސްކޯ ކޮންފަރެންސް އޮން އިންޓަނެޝަނަލް ސެކިއުރިޓީ" ގައި ވާހަކަ ދައްކަމުން ޓައިނާވް މައްސަލަގައި ޗައިނާއިން އެމެރިކާ އަށް އިންޒާރު ކޮށްފިއެވެ.

އެ ކޮނަފްރެންސްއަށް ވަޑައިގެން ހުންނެވި ޗައިނާގެ ދިފާއީ ވަޒީރު ލީ ޝަންގްފޫ ވިދާޅުވީ، ޗައިނާގެ މައްޗަށް ބާރުފޯރުވުމަށް ޓައިވާން ބޭނުން ކުރުމަކީ އަލިފާނާ ކުޅުން ކަމަށާއި އެކަން ނިމޭނީ އެމެރިކާއަށް ނާކާމިޔާބު ވެގެން ކަމަށެވެ.

މީގެ ކުރިން ޗައިނާގެ އެހެން އޮފިޝަލުންވެސް އެ މޭރުމުން ވާހަކަ ދައްކާފައި ވީ ނަމަވެސް ޑިފެންސް މިނިސްޓަރުގެ މި މެސެޖް ތަފާތު ވަނީ، ރަޝިއާގައި ހުންނަވާ އެމެރިކާ އަށް އިންޒާރު ދެއްވުމުންނެވެ.

ރަޝިއާ އަކީ އެމެރިކާގެ ދުޝްމަނަކަށް ވާއިރު، ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރާ ހަނގުރާމައިގައި އެމެރިކާގެ ބައިވެރި އަކީ ޔޫކްރައިން ކަމުން، ޗައިނާގެ މި މެސެޖުގެ ބާރު ތަފާތުވާ ކަމަށް މުރާސިލުން ބުނެއެވެ.

ޗައިނާ ކަނޑުގައި ޗައިނާއާ ވަކިން އެހެންނަމަވެސް ގާތުގައި އޮންނަ ޓައިވާނަކީ، ޗައިނާގެ ކޮމިއުނިސްޓުން ވެރިކަމަށް އައި އިރު އުފެދުނު ހަމަނުޖެހުމުގައި އޭރު އެގައުމު ދޫކޮށް ދިޔަ މީހުން ވަޒަންވެރިވި ގައުމެވެ. އެމީހުން ޓައިވާނުގައި ވަކި ސަރުކާރެއް އުފައްދައި ޗައިނާގެ އަތްދަށުން ވަކިވެގަތުމަށް މަސައްކަތް ކުރި ނަމަވެސް، އެކަން މިއަދާ ހަމައަށް ކާމިޔާބުވެފައި ނުވަނީ، އެފަދަ ކަމެއް ކުރާނަމަ ގަދަބާރުންވެސް އަރާ ޓައިވާން ހިފާނެ ކަމަށް ޗައިނާ އިން ބުނަމުން ގެންދާތީ އާއި ޗައިނާ އަކީ ދުނިޔޭގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ބޮޑު ގައުމަކަށް ވާތީ ބިރުންނެވެ. ޓައިވާނަކީ ވަކި ދައުލަތެއް ކަމަށް ގަބޫލު ކުރާ އޮތީ 13 ގައުމެކެވެ. އެމެރިކާއިން ޗައިނާ ރުޅި އަރުވަން ޓައިވާނަށް އެކި ގޮތްގޮތުން އެހީ އާއި މަދަދު ފޯރުކޮށްދެމުން ދިޔަ ނަމަވެސް ޓައިވާނަކީ ވަކި ދައުލަތެއް ކަމަށް ބަލައިގަނެ އިއުލާން ކުރާކަށް އެމެރިކާއަކަށް ވެސް ނުކުރެއެވެ.

ޗައިނާގެ ދިފާއީ ވަޒީރަކީ، ރަޝިއާ އަތުން ހަރިޔާރު ގަންނަ މައްސަލައިގައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ހުންނަ ބޭފުޅެކެވެ.

ހުޅަނގުގެ އެއްވެސް ގައުމެއް ބައިވެރި ނުކޮށް ރަޝިއާގައި ކުރިއަށް ދާ ސެކިއުރިޓީ ކޮންފަރެންސްގައި އަވައްޓެރި 20 ގައުމެއްގެ އެންމެ އިސް ޖެނެރަލުން ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި އީރާން، މިޔަންމާ، ބެލަރޫސް ފަދަ ގައުމުތައް ހިމެނެއެވެ.

މި ކޮންފްރެންސް އަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންވެސް ވަނީ އެމެރިކާ އަށް އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، އެމެެރިކާ މަސައްކަތް ކުރަނީ ދުނިޔޭގައި އަނދަމުން ދާ އަލިފާންގަނޑުތަކަށް ތެޔޮ އަޅާ އަންދަން [ހަމަނުޖެހުންތައް އިތުރަށް ގޯސްކުރަން] ކަމަށާއި ޔޫކްރައިން ހަނގުރާމައިގައި އެމެރިކާއިން އަދާ ކުރާ ދައުރުންވެސް އެކަން ހާމަވެގެން ދާނެ ކަމަށެވެ.

ލީ އިތުރަށް ވިދާޅުވީ، ޗައިނާގެ އަސްކަރިއްޔާ އޮތީ ސުލްހަ ގާއިމުކުރުމަށް ކަމަށާއި، ޗައިނާގެ ރައީސް ޝީ ޖިންގް ޕިން ގެ ސިޔާސަތަކީވެސް ހަމަނުޖެހުން ބޮޑު ދުނިޔޭގައި ސުލްހަ ގާއިމު ކުރެއްވުން ކަމަށެވެ. އެގޮތުން އެހެން އަސްކްރިއްޔާ ތަކާ ގުޅިގެން ސުލްހައިގެ މަގަށް މަސައްކަތް ކުރުމާއި އިސްތިރާޖީ ގޮތުން ހަމަޖެހުން ގެނައުމަށް ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޗައިނާއިން އެމެރިކާއަށް މިފަދަ އިންޒާރެއް ދީފައި ވާ އިރު، ދާދި ފަހުން ޓައިވާނުގެ ނައިބު ރައީސް ކުރެއްވި ދަތުރެއްގައި މަޑުކޮށްލެއްވި މަންޒިލެއްގެ ގޮތުން، އެމެރިކާ އަށް ވަޑައިގަތުމުން ވެސް ޗައިނާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.