އައްޑޫ ސިޓީ އިން ބަންޑާރަ ގޯތި ހޯދުމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް މާދަމާ އިއުލާން ކުރާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ އިން 1000 ގޯތި ދޫކުރަން ސިޓީ ކައުންސިލުން އިއުލާން ކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އައްޑޫއިން ދޫކުރަން އިއުލާން ކުރި 1،000 ގޯތީގެ ތެރޭގައި ހިމެނެނީ ހިތަދޫން 500 ގޯތި، ފޭދޫ އިން 300 ގޯތި އަދި ހުޅުދޫ މީދޫ އިން 200 ގޯއްޗެވެ. ހިތަދޫ އާއި ފޭދޫން ދޫކުރަން ނިންމީ 1،500 އަކަފޫޓްގެ ގޯއްޗެވެ. ހުޅުމީދޫން ދޫކުރަން ނިންމީ 2،000 އަކަފޫޓްގެ ގޯއްޗެވެ.

އައްޑޫ ސިޓީ އިން ގޯތި ދޫކުރުން ލަސްވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވާއިރު، އައްޑޫ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވަނީ އައްޑޫ އިން ގޯތި ދޫކުރުމާ ގުޅޭ މުހިއްމު ނިންމުންތަަކެއް ނިންމާފައެވެ.

އެ ގޮތުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ އިން ގޯއްޗަށް އެދިފައިވާ ފަރާތް ތަކުގެ ތެރެެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތަކަށް ގޯތިދޭން ކައުންސިލުން ނިންމާފައި ވާކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ކައިވެނި ނުކޮށް ތިބިކަމުގައި ވިޔަސް ޒުވާނުންނަށް ގޯތިދޭން ކައުންސިލުން ފާސްކޮށްފައި ވާކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި 4160 ފަރާތަކުން ގޯއްޗަށް އެދި ފޯމު ހުށަހަޅާފައި ވާއިރު 3972 މީހުން ޝަރުތު ހަމަވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.