ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލަށް ލި މައްސަލައިގައި އެމަނިކުފާނު ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ކުރެއްވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އއ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އިދިކޮޅުގެ ސަރުކާރެއްގައި ކަން ކުރާނެ ބައެއް ކަންކަން ހާމަކުރި ނަމަވެސް، މާ ބޮޑު ޕްލޭނެއް އިދިކޮޅުގެ ފަރާތުން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"އަބަދު ވެސް ދައްކަނީ ކޮންމެވެސް މީހަކު ޖަލަށްލާ ވާހަކަ، ތިމަންނާމެން ވެރިކަމަށް އަތުވެއްޖިއްޔާމު މިވެނި މީހަކު އިންނާނީ ޖަލުގައޭ، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ނެތޭ އެ ވިސްނުމެއް،"
އެއަށްފަހު ޔާމީންގެ ޝަރީއަތް ކުރިއަށް ދިޔަ ގޮތަށް ކުޑަކޮށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ދައުރުގައި ޖުޑީޝަރީ މިނިވަންކަމާ އެކީގައި ހިންގިތަން ފެންނާނެ ކަމަށާއި، ސަރުކާރުން ޝަރުއީ ދާއިރާ އަށް ނުފޫޒު ނުފޯރުވާ ކަމަށެވެ. ޔާމީންގެ މައްސަލައާ މެދު އެމަނިކުފާނު ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެން ނަމަވެސް ޝަރީއަތެއްގެ މެދު ތެރޭގައި އޮއްވާ އެއާ ދޭތެރެއަކު ގޮތެއް ނިންމުމުގެ ބާރެއް އަޅުގަނޑަކަށް ނޯވޭ، ޝަރުއީ ހުރިހާ މަރުހަލާ އެއް ނިމުނީމާ ދެން އެ އޮންނަ ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން އޮތް ކަމެއް ކޮށްދިނުމުގެ އިހްތިޔާރު އަޅުގަނޑަށް އޮންނަނީ،" ޔާމީންގެ ޖަލު ހުކުމާ މެދު އެމަނިކުފާނަށް ކުރެއްވޭނެ މާ ބޮޑު ކަމެއް ނެތް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވިއެވެ.
އޭރު ޔާމީނާ އެއްކޮޅަށް ސުޕްރީމް ކޯޓުން ފުރަތަމަ ކޮޅުު މައްސަލަ ނިންމުމުން އިދިކޮޅަށް ކޯޓުތައް ރަނގަޅުވި ކަމަށާއި، ނަމަވެސް މިއަދު އިދިކޮޅަށް ކޯޓުތައް ގޯސްވެފައިވާ ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކަށް ރައީސް ފާޑުވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ޝަރުއީ ދާއިރާ އަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ.
ހަމަ އެއާއެކު، މިނިވަން މުއައްސަސާތަކުން ޖަވާބުދާރީވާން އަންގައިފި ނަމަ، އެމަނިކުފާނު އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.