ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން އެ ރަށުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިންމީހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައި ވަނީ ތިނަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މަހުގެ 13 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި އެ ތިން މީހުން ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 71 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައި ވަނީ 30 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއްގެ އިތުރުން 35 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 33 އަހަރުގެ މީހާއަށް 8 ދުވަސް އަދި 35 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ. ނަމަވެސް 30 އަހަރުގެ މީހާ ވަނީ ކޯޓުން ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ ތިނަދޫ ޕޮލިސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެއެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުން ދާއިރު މި މަހުގެ 10 ވަނަ ދުވަހުވެސް ދެ ރަށެއްގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަން ތަކެއްގައި ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެގޮތުން ނ. ވެލިދޫގައި ހިންގި އޮޕަރޭޝަނެއްގައި 33 އަހަރުގެ ފިރިހެނެއްގެ އިތުރުން ޅ. ހިންނަވަރުގައި ހިންގި އޮޕަރޭޝަނެއްގައި 18 އަހަރުގެ އަންހެނަކާ 31 އަހަރުގެ އަންހެނަކާއި 32 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރު ކޮށްފައެވެ.