އަންނަ މަހު 9 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ 8 ކެންޑިޑޭޓުންގެ ތެރެއިން އާންމުންގެ ތަރުހީބު އެންމެ ބޮޑަށް އަދި އޮތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ކަމަށް "ޕްރެސް ޕޯލް" އަށް މިހާތަނަށް ވޯޓު ދިން މީހުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ކުރިއަށް ގެންދާ މި ޕޯލްގެ ނަތީޖާ ދައްކާ ގޮތުން 52 ޕަސެންޓު ވޯޓާއެކު އެންމެ ކުރީގައި މުއިއްޒު އޮތް އިރު 2 ވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށެވެ. އެއީ ވޯޓުލީ މީހުންގެ 29.4 ޕަސެންޓެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބަށް 9.8 ޕަސެންޓު ވޯޓު ލިބިފައި ވާއިރު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އަށް ލިބިވަޑައިގެންފައި ވަނީ 4.1 ޕަސެންޓު ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓު އުމަރު ނަސީރު، 2.8 ޕަސެންޓު ވޯޓާއެކު ފަސްވަނާގައި އޮތް އިރު 6 ވަނައިގައި އޮތީ އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓް ހަސަން ޒަމީލްއެވެ.

ޕްރެސް ޕޯލްގެ ނަތީޖާ ދައްކާ ގޮތުން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް އަދި އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓު ފާރިސް މައުމޫނުއަށް ވެސް ލިބިވަޑައިގެންފައި ވަނީ ވޯޓުލީ މީހުންގެ 2.2 ޕަސެންޓެވެ.

މިދިޔަ އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި ފެށި މި ޕޯލް ކުރިއަށް ދާނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. މި ޕޯލް ކުރިއަށް ގެންދަނީ ހަމައެކަނި ސޯޝަލްމީޑިއާގައި ކަމުން މި ޕޯލްގެ ނަތީޖާއިން ފެންނަނީ ސޯޝަލް މީޑިއާ ބޭނުން ކުރާ ފަރާތްތަކުގެ މެދުގައި ކެންޑިޑޭޓުންގެ މަގުބޫލުކަން އޮތް ގޮތެވެ. ސޯޝަލް މީޑިއާ ބޭނުން ނުކުރާ ފަރާތްތަކުންގެ ނިންމުން މި ޕޯލްގެ ނަތީޖާއަކުން ނުފެންނާނެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހުންނަށް ލިބިގެންވާ ކަމަށް، އިލެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ރާއްޖެއާއި ރާއްޖޭން ބޭރުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާއިރު އޭގެ ތެރޭގައި މާލޭ ސަރަޙައްދުގައި ބެހެއްޓުމަށް ނިންމާފައިވާ 187 ފޮށްޓަކާއި، އަތޮޅުތަކުގައި ވޯޓުލުމަށް ބަހައްޓާ 397 ފޮށްޓެއް ހިމެނެއެވެ.