އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލުހުކުމާއެކު ހިމެނޭ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ދެއްކުން ފަސްކުރުމުގެ ހައިކޯޓުން ކުރި އަމުރު އިސްތިއުނާފު ނުކުރަން ޕްރެސެކިޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމާފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުއްވާފައިވާ އަމުރަކީ ވަގުތީ އަމުރެއްކަމަށްވެފައި ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހަށް ތާވަލުކުރެވިފައިވާތީ ކަމަށެވެ. އަދި އިސްތިއުނާފީ މައްސަލައާމެދު ގޮތެއް ނިމުމުން ވަގުތީ އަމުރު ވެސް ނިމުމަކަށް އަންނާނެތީ ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަށް އެދި ރައީސް ޔާމީން ހައިކޯޓަށް ހުށަހަޅުއްވާފައި ވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.

އެ އަމުރާ ގުޅިގެން ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަކާލާތުކޮށްފައިވާނީ ޖިނާއީ ހުކުމެއްގެ އަދަބާމެދު އަމަލުކުރުމަށް ގާނޫނު ދަންނަނީ އެއް އުސޫލުތަކަކަށް ކަމަށްވާތީ, ޖަލު އަދަބުވެސް ޖޫރިމަނާ އަދަބުވެސް ތަންފީޒުކުރުން ފަސްކުރާނެ ތަނެއް ނެތް ކަމަށެވެ.

މި މައްސަލާގައި ހައިކޯޓުން ނިންމަވާފައިވަނީ ޖަލު އަދަބު ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. ނަމަވެސް ޖޫރިމަނާ އަދަބު ފަސްކުރުމުގެ ވަގުތީ އަމުރެއް ހައިކޯޓުން ވަނީ ނެރެފައެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ހުކުމްގައި ހިމެނޭ ޖޫރިމަނާ ފައިސާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ދަށު ކޯޓްގެ ހުކުމްގައި ވެއެވެ.

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ޓިކެޓް ފުރަތަމަ ރައީސް ޔާމީންއަށް އަރުވާފައިވާއިރު އީސީއިން އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް ބަލައިނުގަތުމަށް ނިންމީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތްކުރުމަށް ފަހު ގައެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ.