2 ކިލޯއަށް ވުރެ ގިނަ ކެނަބިސް އާއެކު ހައްޔަރު ކުރި ދެމީހުންގެ ތެރެއިން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މޮހިން އުއްދީންގެ މައްޗަށް ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިއީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން އެމީހުން ބަލައި ފާސްކުރި އިރު މަސްތުވާތަކެއްޗާ އެކުގައި އެމީހުން ފެނުމުން ހައްޔަރު ކޮށް ކުރި ދައުވާގެ ޝަރީއަތުގެ ހުކުމެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ނޮވެމްބަރު 7، 2017 ވަނަ ދުވަހުގެ ރޭ 7:50 ހާއިރު އެވެ. ގދ. ގައްދޫ، ގުލްޝަނީގެ އާދަމް މަނިކާއި މޮހިން ސައިކަލެއްގައި ދަނިކޮށް މާލޭގެ ހަނދުވަރީ ހިނގުމުން އެމީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކޮށްފައެވެ.

އެ ދުވަހު ސައިކަލު ދުއްވަން އިނީ އާދަމް މަނިކެވެ. އަދި ސައިކަލު ފަހަތުގައި އިން މޮހިން އަތުގައި ރަބަރު ކޮތަޅެއް އޮތެވެ. އެ ކޮތަޅުގެ ތެރޭގައި އޮތް ފޮށިގަނޑަކީ އާދަމް މަނިކު ދިން އެއްޗެއް ކަމަށް މޮހިން ބުނެފައިވާ އިރު، އެ ފޮށިގަނޑު ތެރެއިން ފެނުނު ފޮތި ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ގަނޑު ވަނީ ފެނިފައެވެ.

އެ ތަކެތި ތަހްލީލް ކުރި އިރު އޭގައި ހުރީ 2616.5 ގްރާމްގެ ކެނަބިސް ކަމަށް ތަހްލީލް ރިޕޯޓްތަކުން ދައްކައެވެ. އެއާއެކު މި މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ ވަނީ އުފުލާފައެވެ.

މި މައްސަލަ ބެލި އިރު، އާދަމް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ނަފީ ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. މި ގޮތަށް ހުކުމް ކުރަން ނިންމީ އެ ބިދޭސީ މީހާ އާއި އާދަމް މަނިކު ދިމާވީ ޖެޓީ މަތިން ކަމަށް ހެކިން ބުނެފައި ވާތީ އާއި އެ ދެ މީހުންގެ ދެމެދުގައި ކުރިން އެއްވެސް ގުޅުމެއް އޮތްކަމުގެ ހެއްކެއް ނެތުމުން ކަމަށް ހުކުމުގައި ވެއެވެ.

ނަމަވެސް މޮހިންގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާތީ ކްރިމިނަލް ކޯޓުން ވަނީ އޭނާ 25 އަހަރަށް ޖަލަށް ލާން ނިންމައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ހުކުމް ކޮށްފައެވެ. ނަމަވެސް އޭނާ ޖަލުގައި ހޭދަކޮށްފައިވާ މުއްދަތު އުނި ކުރުމަށް ފަހު ޖަލު ހުކުމް ތަންފީޒް ކުރަން ޖެހޭ މުއްދަތެއް ކަމަށް ކަނޑައަޅާފައި ވަނީ 19 އަހަރާއި 3 މަހާއި 17 ދުވަސް ކަމަށެވެ.

އެ ހުކުމުގައި މޮހިންގެ މައްޗަށް ޖޫރިމަނާ ކޮށްފައިވާ ފައިސާ އިއްޔެ އިން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެއުނިއު އޮތޯރިޓީއަށް ދެއްކުމަށް ވެސް ވަނީ އަންގާފައެވެ.