މޫވެންޕިކްގެ ލިސްޓުގައި ލަންދޫގެ ކުއްޅަވަށް އައިސްކްރީމް ހިމެނުނީތީ ފަހުރުވެރިވާން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުއްޅަވަކުގެ ވިޔަފާރި އެކި ގޮތްގޮތަށް ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދާ ލަންދޫއަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ 'މިއަދު ކުއްޅަވަށް މޮހީޓޯއެއް ލިބޭނެ ކަމަށް' އުންމީދު ކުރެއްވި ނަމަވެސް ލިބިވަޑައިނުގަތަސް ފުރަަތަމަ ލަންދޫއަށް ވަޑައިގެން ދުވަހު މޮހީޓޯއެއް ލިބިވަޑައިގެންނެވި ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ މޫވެންޕިކްގެ އައިސްކްރީމް ލިސްޓުގައި ކުއްޅަވަށް އައިސްކްރީމް ހިމަނައިފި ކަމަށާއި އެއީ ލަންދޫގެ ރެސިޕީއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމްގެ ހުރިހާ ރިސޯޓެއްގައި ކުށްޅަވަށް އައިސްކްރީމް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށާއި އެއީ ސިޔާމްވެސް ތަރުހީބު ދެއްވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މޫވެންޕިކްގެ ލިސްޓަށް ލަންދޫގެ މިފަދަ ރެސިޕީއެއް އެރުމަކީ އެކަމާ މެދު ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށާއި ރާއްޖޭގައި މިފަދަ އެތައް ކަމެއް ކުރެވެން ހުރި އިރު ދޭން ޖެހެނީ ޖާގައާއި ފުރުސަތު ކަމަށެވެ.
އެކަމުގެ އިތުރުންވެސް ލަންދޫއަށް ގިނަ ވައުދުފުޅުތަކެއް ރައީސް ސޯލިހު ވެވަޑައިގެންނެވިއެވެ. އެގޮތުން ލަންދޫގައި އެންމެ ބޮޑު ހައްލެއް ހޯދަން ޖެހިފައިވަނީ ބޯ ހިޔާވަހިކަމަށްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެކަހަލަ ޕްރޮގްރާމެއް ހިންގަވައި ފެނާއި ނަރުދަމާއާއި ކަރަންޓްގެ މަސައްކަތް ނިމުމުން މަގު ހެދުމާއި ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހަދާ، ތާރު އަޅައިދެއްވާނެ ކަަމަށެވެ.
ލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށާއި ސިއްހީ މަރުކަޒުގައި ހިދުމަތްތައް އިތުރުކުރުމާއެކު 24 ގަޑިއިރަށް ހިދުމަތް ބަދަލުކުރުމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. އަދި ލަންދޫގައި ކޮމިއުނިޓީ ސެންޓަރަކާއި އިންޑޯ ޖިމަކާއި ކުނިމެނޭޖް ކުރެވޭނެ ޒަމާނީ ނިޒާމެއްގެ އިތުރުން މަސްމާރުކޭޓް ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވަނީ ލަންދޫ ފުޓްސެލް ދަނޑާއި ކުޑަކުދިންގެ ޕާކް އަޕްގްރޭޑް ކޮށްދެއްވުމަށްވެސް ވައުދު ވެވަޑައިގަންނަވާފައެވެ.