ޒުވާނުން ބަލައިގަންނާނެ ގިނަ ކަންތައްތައް ސަރުކާރުން ކޮށްދެވިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އަދިވެސް ޒުވާނުންނަށް ދިމާވާ ބައިވަރު ދަތިތައް އެބަހުރި ކަމަށް، ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނ. ވެލިދު އަށް ކެމްޕެއިނަށް ވަޑައިގެން ރައީސް ދެއްކެވި ވާހަކަފުޅުގެ ބޮޑުބައެއް އަމާޒުކުރެއްވީ ޒުވާނުންނަށެވެ. ރައީސްގެ ވާހަކަފުޅު ފަށްޓަވަމުން ފާހަގަކުރެއްވި ގޮތުގައި، ޒަމާން ކިތަންމެ ބަދަލުވިޔަސް، އަދި ޒަމާނާ އެކީ ޒުވާނުންނަށް ކުރިމަތިވާ ދަތިތަކާއި ހުރަސްތައް ބަދަލުވެގެން ދިޔަޔަސް، ޒުވާނުން ބޭނުންވަނީ އެއް ކަންތައްތަކެކެވެ.

"ޒުވާނުން ބޭނުންވަނީ އެ މީހުންގެ މުސްތަގްބަލު މިއަދަށް ވުރެ ފަހިވާން، އުޖާލާ ވާން، އެމީހުންނަށް ލިބޭ ފުރުސަތުތައް ފަހިވެ ގިނަވާން، ހަޔާތުގަ ކުރިއަށް ދާނެ ގޮތެއް އިހްތިޔާރުކުރުމުގެ ފުރުސަތު އިތުރުވާން،"

ރައީސް ވިދާޅުވީ، ޒުވާނުން މިއަދު ބޭނުންވަނީ:

  • ތައުލީމީ ގޮތުން ކުރިއަރައި ދާން ފުރުސަތުތައް
  • އުފެއްދުންތެރި އީޖާދުތަކަށް މަގުފަހިވާނެ ފުރުސަތުތައް
  • ކުޅިވަރު ކުޅުމާއި ސިއްހަތު ސަލާމަތުން ހިފެހެއްޓުމަށް ފުރުސަތުތައް
  • ގައުމުގެ ސިޔާސަތު ބައްޓަންކުރުމަށް ފުރުސަތުތައް
  • ރައްޓެހިންނާ އެކީ ވަގުތު ހެޔޮގޮތުގައި ހޭދަކުރުމުގެ ފުރުސަތުތައް

މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި ޒުވާނުންނަށް ހާއްސަކޮށް ބައިވަރު ސިޔާސަތުތައް ތަންފީޒުކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމަށާއި، މަތީ ތައުލީމްގެ ލޯނު ސްކީމަށާއި، ސަރުކާރުންދޭ ސްކޯލާޝިޕްތަކަށް އަލިއަޅުވާލައްވައި، ޓިވެޓާއި ފަންނީ ޕްރޮގްރާމްތަކުގައި ބައިވެރިވެ، މަސައްކަތުގެ ދާއިރާއިން ޒުވާނުން ކުރިއަށްދާ ކަން ފާހަގަކުރައްވައިފައެވެ.

"މިހާރަކު ނުޖެހޭނެ މައިންބަފައިންގެ ތަނަވަސްކަން ނެތީމާ މަތީ ތައުލީމް ނުލިބި ހުންނާކަށެއް، އެ ފުރުސަތު އެ އޮތީ އެންމެންނަށް އެންމެންނަށް ފަހިވެފަ،"

ޒުވާނުންނަށް ފުރުސަތުތައް ފަހިވެގެން ދިޔަ ނަމަވެސް ރައީސް ވިދާޅުވީ، ހައްލުކުރަން ޖެހޭ އިޖުތިމާއީ މައްސަލަތައް އަދިވެސް ގިނަ ކަމަށެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މަސްތުވާތަކެތީގެ މައްސަލައަށް އަލިއަޅުވާލައްވައިފައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައި ތިބި ޒުވާނުން އަދިވެސް ގިނައެވެ. އެހެންވެ، އެ ޒުވާނުންގެ އާއިލާތަކުން ހިތާމަކުރާ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ކުރަންވީ ކަމަކީ އެ ކުދިން އަނބުރާ މުޖުތަމައަށް ގެނައުން ކަމަށާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ބޭނުންވަނީ ލޯތްބާއި ކުލުނު ކަމަށާއި، ފަރުވާގެ ފުރުސަތުތައް ފަހިކޮށްދީ މަސްތުވާތަކެތި އެތެރެކުރުމަށް ހުޅުވިފައިވާ ދޮރު ބަންދުކުރުން ކަމަށެވެ.

"ބައެއް ސިޔާސީ ލީޑަރުން އެބަ ވިދާޅުވޭ "މަރަންވީއޭ، ބޮޑެތި އަދަބުތައް ދޭންވީއޭ"، ނޫން، އަޅުގަނޑު ދެކޭ ގޮތުގައި ހަމަ އަޅުގަނޑުމެންގެ އެޕްރޯޗަކަށް ވާންވީ ކުލުނުވެރި އެޕްރޯޗެއް،"

މަސްތުވާތަކެތީގެ މައްސަލަ ބޮޑުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި ގޮތުގައި، އެ މައްސަލަ ހައްލުކުރުމަށް ވަރަށް ދުވަސް ނަގާނެއެވެ. އެ މައްސަލައަކީ 40 އަހަރުގެ ބޮޑު އިހުމާލެއް ކަމަށާއި، އެ މައްސަލަ މޫލާފައި ވަނީ އިންތިހާ އަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާ ހިސާބަށް ދިއުމުން ރައީސް ވަނީ ޒުވާނުންނަށް އަމާޒުކޮށް މި ސަރުކާރުން ކޮށްދިން ބައެއް ކަންކަމަށް އަލިއަޅުވާލައްވައިފައެވެ. ރައީސް ވިދާޅުވީ:

  • ޒަމާނީ ފެންވަރަށް އޮލިމްޕަސް ތަރައްގީކުރެވިފައިވާ ކަމަށް
  • ވޮލީ ކޯޓުތަކާއި ފުޓްސަލް ދަނޑު ފަދަ ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރެވިއްޖެ ކަމަށް
  • ނަތީޖާއެއްގެ ގޮތުން މީގެ ކުރިން ކާމިޔާބުލިބިފައި ނުވާ މިންވަރަށް ޒުވާނުން ކުރި ހޯދާފައިވާ ކަމަށް

އެހެންކަމުން ޒުވާނުން ބަލައިގަންނާނެ ފަދަ މަސައްކަތްތައް ސަރުކާރުން ކުރެވިއްޖެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، ނަމަވެސް ޒުވާނުންނަށް ކޮށްދޭން ޖެހޭ ބައިވަރު ކަންކަން އަދިވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.