'ފަރުދީ ތަނަވަސްކަން - އަބުރުވެރި ހަޔާތެއް' ތަސައްވުރު ކޮށްދޭ ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯ މާދަމާ ލޯންޗް ކުރަން ނިންމައިފިއެވެ.

މެނިފެސްޓޯ ލޯންޗް ކުރުން އޮންނާނީ މާދަމާ ރޭ 8:30 ގައި ސަލްޓަންޕާކުގައެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރައްވާއިރު ޑިމޮކްރެޓްސްގެ ޓިކެޓުގައި މި އިންތިހާބުގައި ވާދަކުރައްވަނީ ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބެވެ. އަދި އިލްޔާސްގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.

ޑިމޮކްރެޓްސްގެ މެނިފެސްޓޯ އެކުލަވާލާފައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ޕާޓީގެ އިސްވެރިން ވަޑައިގެން އާންމު ރައްޔިތުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް ފަހު ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށް އެ ޕާޓީި އިން ފާހަގަ ކުރެއެވެ. އަދި މެނިފެސްޓޯ ލޯންޗު ނުކުރި ނަމަވެސް މެނިފެސްޓޯގެ މުހިއްމު ބައެއް ކަންކަން މިހާތަނަށް އިލްޔާސް ވަނީ ހިއްސާ ކުރައްވާފައެވެ.

އިލްޔާސްގެ ކެމްޕެއިންގައި އެ ޕާޓީގެ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވާ އެ ޕާޓީއާ ގުޅިވަޑައިގެން ބައެއް ބޭފުޅުންވެސް ބައިވެރި ވެވަޑައިގަންނަވައެވެ. މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިލްޔާސްގެ ކެމްޕެއިންގައި ގެންދަވަނީ އިސްކޮށް ހަރަކާތްތެރި ވެވަޑައިގަންނަވަމުންނެވެ.

ޑިމޮކްރެޓްސްގެ މެނިފެސްޓޯ މާދަމާ ލޯންޗު ކުރަން ނިންމާފައި ވާއިރު އެމްޑީޕީގެ މެނިފެސްޓޯގެ ދެ ބައެއް މިހާރު ވަނީ ލޯންޗު ކޮށްފައެވެ.