ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް މިރޭ ނެރޭނެ ކަމަށާއި ގޯތި ލިބޭނެ ތަންތަން ކަނޑައަޅަން އަންނަ އަންގާރަ ދުވަހު ގުރުއަތުލުން ކުރިއަށް ގެންދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

މީގެ ކުރިން ފުރަތަމަ ބުރުގައި ދޭން ކަނޑައެޅި އަދަދުތަކަށް ބަދަލުގެނެސް މިހާރު ދޭން ނިންމާފައި ވަނީ 9001 ގޯއްޗެވެ. އެގޯތިތަކުގެ ތެރެއިން ހުޅުމާލެއިން މީގެ ކުރިން 2200 ގޯތި ދޭން ހަމަޖެއްސި ނަމަވެސް މިހާރު ވަނީ އެއަދަދު 1351 އަށް ކުޑަކޮށްފައެވެ. މީގެ ކުރިން ގުޅިފަޅުން 2000 ގޯތި ދޭން ނިންމި ނަމަވެސް އެ އަދަދު އިތުރުކޮށް މިހާރު ވަނީ 228 ގޯތި ދޭން ނިންމާފައެވެ. އަދި ގިރާވަރުފަޅުން މީގެ ކުރިން ދޭން ނިންމި 2000 ގޯތީގެ ބަދަލުގައި މިހާރު ދޭން ނިންމާފައި ވާ އަދަދު ވަނީ ބޮޑުތަނުން މަތިކޮށް ޖުމްލަ 5432 ގޯއްޗަށް ހަދާފައެވެ.

މިހާރު ގޯތި ދޫކުރަން ނިންމާފައިވާ ގޮތް؛

  • ހުޅުމާލެ 1351
  • ގުޅިފަޅު 2218
  • ގިރާވަރުފަޅު 5432

މީގެ ކުރިން މި ތަންތަނުން ދޫކުރަން ނިންމި އަދަދުތައް؛

  • ހުޅުމާލެ 2200
  • ގުޅިފަޅު 2000
  • ގިރާވަރުފަޅު 2000

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގޯތި ލިބޭ ފަރާތްތަކަށް ގޯތި ދޫކުރުމުގައި ޖޮއިންޓް ކޮށް ގޯއްޗަށް ކުރިމަތިލި ފަރާތްތަަކަށް އިސްކަންދޭނެ ކަމަށާއި އެ ހުރިހާ ފަރާތްތަކަށް ހުޅުމާލެއާއި ގުޅިފަޅުން ގޯތި ލިބޭނެ ކަމަށް ވިދާޅުވިއެވެ. އަދި ގޯތި ލިބޭނެ ސަރަހައްދެއް ކަނޑައަޅާނީ ގުރުއަތު ލައިގެން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަންނަ އަންގާރަ ދުވަހުން ފެށިގެން ގަލޮޅު ދަނޑުގައި ގުރުއަތުގެ ކަންކަން ކުރިއަށްގެންގޮސް މި ހަފުތާގައި އެ މަސައްކަތް ނިންމައިލަން ރާވާފައިވާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. އަދި ދައުރު ނިމުމުގެ ކުރިން ހުރިހާ އެންމެނަށް ގޯތި ރަޖިސްޓަރީކޮށްދީ ލިޔުން ހަވާލުކުރާނެ ކަމަށް ވެސް އަކްރަމް ވަނީ ވިދާޅުވެފައެވެ.

އަކްރަމް އިތުރަށް ވިދާޅުވީ، ގުޅިފަޅާއި ގިރާވަރުން ދޫކުރާ ގޯތިތައް އިމާރާތްކޮށް މީހުން އާބާދު ވާއިރަށް، އެ ތަންތަނުގެ މަގުތަކާއި، ލޭންޑް ޔޫސް ޕްލޭނުގައިވާ ގޮތަށް ހިދުމަތްތައް ގާއިމުކުރާނެ ކަމަށެވެ.

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް މިދިޔަ އަހަރުގެ ޖޫންމަހު ތެރޭގައި ހުޅުވާލާފައި ވާއިރު 15164 ފޯމު ވަނީ ގޯއްޗަށް އެދި ހުށަހަޅާފައެވެ. އޭގެތެރެއިން 12،794 މީހުން ޝަރުތު ހަމަވާއިރު ގޯއްޗަށް އެދި ހުށައެޅި ފޯމު ރިވިއުކުރުމަށް ފަހު، ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް ސަރުކާރުން އިއުލާން ކުރީ މި އަހަރު ޖޫން މަހުއެވެ. އަދި ޝަކުވާ ހުށައެޅުމަށް 15 ދުވަހުގެ މުއްދަތެއް ދީފައި ވާއިރު ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް ފަރާތްތަކަށްވެސް ވަނީ އިތުރު ފުރުސަތެއް ދީފައެވެ.

މާލޭގެ ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވައުދެކެވެ.