ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲ (ގައްބަރޭ) ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.
ހައިކޯޓުން ނެރުނު އަމުރުގައި ވަނީ ގައްބަރޭ އާއި އެ މައްސަލައިގައި ދެން ތިބި ދެ މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ މީހުންގެ ބަންދު ކުރަން ފަސް ދުވަސް ތެރޭގައި ހުށަހަޅައިފިނަމަ ބަންދާ މެދު ގޮތެއް ނިންމަން އަމުރުކުރާ ކަމަށެވެ.
ފުލުހުން ހައި ކޯޓުގައި ބުނެފައިވަނީ ފުރަތަމަ ގައްބަރޭއާ ދެކޮޅަށް ޒަރީރު ބަޔާން ދެއްވިނަމަވެސް ހަމަލާދިނީ ގައްބަރޭ ކަން ޔަގީންނުވާ ކަމަށް ފަހުން ތަހުގީގަށް ބަޔާން ދެއްވާފައިވާ ކަމަށެވެ. ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒް، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު މުހައްމަދު ޝަނީޒެވެ.
ޒަރީރަށް ހަމަލަދިނުމުގެ ތުހުމަތުގައި އުމުރުން 32 އަހަރުގެ ގައްބަރޭ ހޯދުމަށް ފުލުހުން މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު އިއުލާނުކޮށް އޭނާ ހޯދަމުންދާތާ 8 ދުވަސް ފަހުން އޭނާ ވަނީ އަމިއްލައަށް ފުލުހަށް ހާޒިރުވެފައެވެ.
ކެފޭއެއްގެ ތެރޭގައި މެންބަރު ޒަރީރަށް ހަމަލާދިން މައްސަލާގައި ގައްބަރޭ ހައްޔަރުކޮށް، އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައި ވަނީ މެއި މަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް ކޯޓުން ފަހުން ވަނީ ބަންދުގެ މުއްދަތު އިތުރުކޮށް ނުދީ ބަންދުން ދޫކޮށްލާފައެވެ. ޖުލައި 6 ވަނަ ދުވަހު ގައްބަރޭ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ޖުލައި 9 ވަނަ ދުވަހުއެވެ.
ހަބީބީ ކެފޭގައި ރައްޓެހިންތަކަކާ އެކީގައި މެންބަރު ޒަރީރު އިންނަވަނިކޮށް، ފަސް މީހުންގެ ގްރޫޕަކުން އެ ކެެފޭއަށް ވަދެ ޒަރީރަށް ހަމަލަދީފައި ވަނީ މެއި މަހުގެ ފުރަތަމަ ދުވަހުގައެވެ. ފުލުހުން އޭރު ބުނީ، ޒަރީރަށް ހަމަލާ ދިނީ ނުރައްކާތެރި ހަތިޔާރަކުން ކަން ބެލެވޭ އެއްޗަކުން ކަމަށާއި އެ ހަމަލައާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ޒަރީރު ފަރުވާ ހޯއްދަވާފައި ވާ ކަމަށެވެ.
ކުށުގެ ރެކޯޑު އޮންނަ ގައްބަރޭ ވަނީ މީގެ ކުރިން މީހަކު މަރާލުމުގެ ތުހުމަތެއްގައި ހައްޔަރު ކޮށްފައެވެ. އެކަމުގައި ބައިވެރިވި ކަމަށް އޭނާ އެއްބަސްވި ނަމަވެސް، އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ، ކޯޓުން އެ ފަހަރު ވެސް ވަނީ ދޫކޮށްލާފައެވެ.