ނ. މަނަދޫ އާއި މިލަދޫގައި މި ސަރުކާރުން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހް ކޮށްދެއްވައިފިއެވެ.
ދެ ރަށުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިއަދު ރައީސް އިފްތިތާހް ކޮށްދެއްވާފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމަނިކުފާނު މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
އެގޮތުން ރައީސް ވަނީ މަނަދޫގެ ފެނުގެ ހިދުމަތް އިފްތިތާހު ކޮށްދެއްވައި، ނ. އަތޮޅު ހޮސްޕިޓަލްގެ 6 އޯޕީޑީ ރޫމާއި ލެބޯޓްރީ އަދި ނ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލު ހުޅުއްވައި ދެއްވާފައެވެ. މީގެ އިތުރުންވެސް އެ ރަށުގައި އިންޑޯ ޖިމެއްގެ އިތުރުން ފުޓްބޯޅަ ދަނޑާއި އަލަށް އިމާރާތް ކުރި ފެނަކަ އޮފީސްވެސް ރައީސް ވަނީ ހުޅުއްވައި ދެއްވާފައެވެ.
އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މަނަދޫ ފެނުގެ ނިޒާމް ތަރައްގީ ކޮށްފައި ވާއިރު 269 ފަރާތަކަށް ފެނުގެ ކަނެކްޝަން މިހާރު ވަނީ ގުޅާދީފައެވެ. އަދި ނ. އަތޮޅު މަދަރުސާގައި ރައީސް ހުޅުއްވައި ދެއްވި މަލްޓިޕާޕަސް ހޯލަކީ އެންމެ ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ ޖާގަ ތަނަވަސް އިމާރާތެކެވެ. މިއިމާރާތުގެ މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
މަނަދޫގައި ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ފުޓްބޯޅަ ދަނޑެއްގެ އިތުރުން އެ ރަށުގައި އިންޑޯ ޖިމެއްވެސް ރައީސް ސޯލިހު ވަނީ ހުޅުއްވައި ދެއްވާފައެވެ. އަދި އެ ރަށުގެ އާ ފެނަކަ އޮފީސް އިމާރާތް އެމަނިކުފާނު ހުޅުއްވައި ދެއްވާފައި ވާއިރު އެ އިމާރާތަކީ އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް އިމާރާތެކެވެ.
މި ދަތުރުފުޅުގައި ނ. މިލަދޫއަށް ރައީސް ވަޑައިގެން އެ ރަށު ބަނދަރާއި، ފެނަކަ އިންޖީނުގެ އާ އޮފީސް އިމާރާތް ވަނީ ހުޅުއްވައި ދެއްވާފައެވެ. ނ. މިލަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށް ކުރިއަށް ގެންގޮސްފައިވާއިރު މިމަޝްރޫއުގެ ދަށުން ބަނދަރާއި ނެރު ފުންކޮށް، ރޭމްޕް ހެދުމާއި ނެރުބައްތި އާއި ބަނދަރު ބައްތި ޖަހައި، ޕޭވްމަންޓް ވަނީ އަޅާފައެވެ.
މީގެ ކުރިން އެ ރަށު ފެނަކަ އިމާރާތުގައި 3 މީހުންގެ ޖާގައިގެ ތަނަވަސްކަން ހުރި ނަމަވެސް އަލަށް އިމާރާތް ކުރި އިމާރާތަކީ 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނެ ފަދަ ޖާގަ ތަނަވަސް އިމާރާތެކެވެ. މިއަދު ރައީސް ހުޅުއްވާދެއްވި ފެނަކަ އާ އިންޖީނުގޭގެ ކެޕޭސިޓީއަކީ، 1080 ކިލޯވޮޓްއެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި އުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ. އަދި ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް މި ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.