ރ. ފުއްގިރި މައްސަލައިގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މާދަމާ ހެނދުނު 09:00 އަށް މާދަމާގެ އަޑުއެހުން ތާވަލު ކޮށްފައި ވާއިރު މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ތާވަލު ކޮށްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. ނަމަވެސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

މި މައްސަލައިގައި އަޑުއެހުމެއް އެންމެ ފަހުން ކުރިއަށް ގެންގޮސްފައި ވަނީ ޖުލައި 20 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ އޭރުގެ ފައިނޭންސް ޑިރެކްޓަރު ސްރީލަންކާގެ ސްރީތަކުމާރުގެ ހެކިބަސް ނަގަން މަސައްކަތް ކޮށްފައި ވާއިރު އިންޓަނެޓް މައްސަލައެއް ދިމާވެ ހެކިބަސް ނެގުން ފުރިހަމަ ކުރެވިފައެއް ނުވެއެވެ.

އަދި މުހައްމަދު ޝިފާއު ނަމަކަށް ކިޔާ މީހެއްގެ ހެކިބަސް ނަގަން ވެސް އެދުވަހު މަސައްކަތް ކުރި ނަމަވެސް އޭނާ ހާޒިރުވެފައި ވަނީ ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ކޮންސިއުލޭޓް އަށް ކަމުން އެމްބަސީ ހުރި ގައުމެއްގައި ކޮންސިއުލޭޓް މެދުވެރިކޮށް ހެކިބަސް ނުނަގަން ޝަރީއަތުން ވަނީ ނިންމާފައެވެ.

ފުއްގިރި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ކުރެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހެކިބަސް ނަގަމުން ދާއިރު އެ މައްސަލާގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައި ވާއިރު ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތްވެސް ކުރިއަށް ދަނީ އެއް ގަޒިއްޔާއަކުންނެވެ.

އެހެންނަމަވެސް ކްރިކް ރިޒާ ބަލިވެ އުޅޭތީ ޖެހިޖެހިގެން 5 ފަހަރު އަޑުއެހުން ކެންސަލު ކޮށްފައި ވާއިރު ކްރިކް ރިޒާގެ ސަބަބުން ޝަރީއަތް މަޑުޖެހިފައި ވާތީ، އޭނާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދުމާއެކު މިހާރު މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ކްރިކް ރިޒާގެ ބައި އުނިކުރުމަށް ފަހުއެވެ.