މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދެ ރަށެއްގައި ހިންގި އޮޕަރޭޝަން ތަކެއްގައި ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންތަކުގެ ތެރެއިން ނ. ވެލިދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮގަސްޓް 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، ކޯޓުއަމެރެއްގެ ދަށުން އެރަށު ގެއެއް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ނުވަ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވާކަމަށެވެ.

މީގެ އިތުރުން އޮގަސްޓް 10 ވަނަ ދުވަހު ޅ. ހިންނަވަރުގައި ހިންގި އޮޕަރޭޝަނަކީ މާލެއިން ހިންނަވަރަށް ދަތުރުކުރާ ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި، 18 އަހަރުގެ އަންހެނަކާ 31 އަހަރުގެ އަންހެނަކާއި 32 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު އެ ލޯންޗުން ގެނައި ކޮތަޅެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 18 އަހަރުގެ މީހާއާއި 31 އަހަރުގެ މީހާއަށް ހަތްދުވަހުގެ މުއްދަތުދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ އަދި 32 އަހަރުގެ މީހާއަށް 11 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މީގެ އިތުރުން އޮގަސްޓް 9 ވަނަ ދުވަހު ހިންނަވަރުގައި ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނަކީ މާލެއިން ހިންނަވަރަށް ދަތުރުކުރާ ލޯންޗަކުން ބަނގުރާ އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އިތުރަށް ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ލޯންޗުގައި ހުރި ފޮއްޓެއް ބަލައިފާސްކުރިއިރު ފަސްފުޅި ބަނގުރާ ފެނިފައިވާކަމަށާ އެހެންނަމަވެސް މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށެވެ.

މި ތިން މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.