އެކުގައި މަސައްކަތް ކުރެއްވުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު (ސެންބެ)، ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އަށް ދައުވަތު ދެއްވައިފިއެވެ.
މިރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ސެންބެ ވިދާޅުވީ އެކީގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް މުހައްމަދު ނަޝީދަށް ދައުވަތު ދެއްވާ ކަމަށާއި މޮސްޓާ އަކީ އެއްގޮތް ހިޔާލުތަކަކާއި ވިސްނުންތަކެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށެވެ. އަދި އުންމީދަކީ ކުރިއަށް އޮތް ދުވަސްތަކުގައި މި މަސްކަތުގައި މޮސްޓާ ބައިވެރިވަޑައިގަތުން ކަމަށް ސެންބެ ވިދާޅުވިއެވެ.
ސެންބެ ވިދާޅުވީ މިއަދު މި ގައުމު އޮތް ހާލަތުން ޒުވާނުން ބަސްނުނަން ތެދުވަން ވެއްޖެ ކަމަަށާއި ގައުމުގެ ހާލަތު އޮތްގޮތް ޒުވާނުންނަށް ވަރަށް ސާފުކޮށް ފެންނާނެ ކަމަށެވެ. އަދި އިގްތިސޯދީ ގޮތުން ވެސް ގައުމު މި އޮތީ އަނދަވަޅަކަށް ވަށްޓާލާފައި ކަމަށާއި އިޖްތިމާއީ ހާލަތަށް ބެލި ކަމުގައިވީ ނަމަވެސް މި އޮތީ ދުވަހަކުވެސް އަތް ނުފޯރާ ވަރަށް މަގުމަތި ކުރުވާފައި ކަމަށް ސެންބެ ވިދާޅުވިއެވެ.
ސެންބެ ވިދާޅުވީ ޒުވާނުންނަކީ ޒުވާން ހަކަތައިގައި ތިބި ބައެއްކަން ދިވެހި ރައްޔިތުންނަށް ސާބިކޮށްދޭން އެބަޖެހޭ ކަމަށާއި ޖޯޝާއި ފޯރީގައި ކެރިގެން ބަސްނުނަން ކެރޭ ބައެއްގެ ގޮތުގައި ޒުވާނުން ތެދުވާންވެއްޖެ ކަމަށެވެ.
އަދި އަމިއްލަ ވިސްނުން އިސްކޮށް ބަސް ބުނުމުގައި އަމިއްލަ ކަންކަން އިހްތިޔާރު ކުރަން ވެސް ސެންބެ ޒުވާނުންނަށް ގޮވާލެއްވިއެވެ. އަދި މިއީ ގައުމަށްޓަކައި ހައްލު ހޯދަން ތެދުވަންޖެހޭ ވަގުތު ކަމަށް ވިދާޅުވެ ސެންބެ ވަނީ އިދާރަކުރެއްވިއްޔާ ރިޔާސީ ރޭހުގައި ވާދަވެރިން ބޮޑުތަނުން ބަލިކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.