އިދިކޮޅުގެ ޕާޓީ ޕީޕީއެމުން ކެންޑިޑޭޓެއް ނުނެރުމުން ނުރުހުން ފާޅުކުރައްވައި އެ ޕާޓީން ވަކިވެވަޑައިގަތް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ޖުމްހޫރީ ޕާޓީ އާ ގުޅިވަޑައިގެންފިއެވެ.

މިރޭ އދ. މާމިގިލީގައި ބާއްވަމުން ގެންދާ ޖޭޕީގެ ޖަލްސާގައި ވަހީދު ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު އެމަނިކުފާނު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަށް ސަޕޯޓް ދިނުމަށް ޕީޕީއެމްގެ މެންބަރުންނަށް ގޮވާލައްވައިފައެވެ.

"ޕީޕީއެމް މެންބަރުންނަށް ގޮވާލަން ގާސިމް އިބްރާހިމްއަށް ތިބޭފުޅުންގެ ސަޕޯޓް ދެއްވަން"
ޑރ. ވަހީދު

ވަހީދު ވިދާޅުވީ ގާސިމްގެ އަރިހުގައި ހުންނަވައިގެން އޭނާއަށް އެހީތެރިކަމެއް ފޯރުކޮށްދެއްވަން ލިބިވަޑައިގެންފައި ވާތީ އެކަމާ ވަރަށް ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަހީދުގެ ސިޔާސީ މުސްތަގުބަލާ ގުޅޭގޮތުން ފެތުރެމުން ދިޔަ ވާހަކަތަކަށް އަލިއަޅުވާލައްވާ އެމަނިކުފާނު ވިދާޅުވީ އޭރު ހުންނެވީ ބޮޑު ޕާޓީއެއްގައި ކަމަށާއި އެހެންނަމަވެސް އެ ޕާޓީގައި ޑިމޮކްރަސީ ނެތުމުގެ ސަބަބުން އެއްވެސް މީހަކު ރިޔާސީ އިންތިހާބަށް ނުކުތުމުގެ ފުރުސަތު ދީފައި ނުވާ ކަމަށެވެ.

މަގުމަތި ވި ވާހަކަ ނުދައްކަވާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކުލަވެސް، ކެންޑިޑޭޓެއްވެސް ނެތް ކަމަށާއި އެމަނިކުފާނު މަގުމަތިވެވަޑައިގެންފި ނަމަ ޕީޕީއެމްގެ 40،000 މެންބަރުން ވެސް މަގުމަތިވެއްޖެ ކަމަށެވެ. އަދި މިއަދު ބަލަން ޖެހޭނީ މީހަކަށް ނޫން ކަމަށާއި ބަލަން ޖެހޭނީ ގައުމަށް ކުރިމަތިވެފައި ހުރި ކަންތައްތަކުން ސަލާމަތް ވުމަށްޓަކައި އެޅޭނެ ފިޔަވަޅުތަކަށް ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑު ނުދަންނަވާނަން މަގުމަތިވި ވާހަކައެއް. އެކަމަކު ދަންނަވަން އޭރު ހުރި ބޮޑު ޕާޓީއެއްގައި އޭރު އެ ޕާޓީގެ ޑިމޮކްރަސީ ނެތުމުގެ ސަބަބުން އެއްވެސް މީހަކަށް ރިޔާސީ އިންތިހާބަށް ނުކުތުމުގެ ފުރުސަތެއް ނުދިން. އޭގެ ސަބަބުން ޕީޕީއެމްގެ ކެންޑިޑޭޓެއް ރިޔާސީ އިންތިހާބުގެ ކަރުދާހުގައި ނެތް، ކުލައެއްވެސް ނިޝާނެއްވެސް ނެތް. ކޮބައިތޯ 40000 މެންބަރުން. އަޅުގަނޑު ދަންނަވާނީ އަޅުގަނޑު މަގުމަތިވެއްޖެއްޔާ އެ ބޭފުޅުންވެސް ތިއްބެވީ މަގުމަތީގައި"
ޑރ. ވަހީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެޑްވައިޒަރުކަން ކުރެއްވި ވަހީދު 10 އަހަރަށް ފަހު ޕީޕީއެމުން ވަކިވެވަޑައިގަތީ، އަންނަ އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ލިޔެކިއުންތައް ތައްޔާރު ކުރައްވައި، ކުށުގެ ރެކޯޑު ވެސް ސާފުކުރެއްވުމަށް ފަހު، ފަހު ވަގުތަށް މަޑުކުރެއްވުމަށް ފަހުގައެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަހީދު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމާ ބައްދަލުކުރައްވާފައި ވެއެވެ. ފާހަގަކުރެވޭ ގޮތުގައި ޕީޕީއެމުން ވަކިވެވަޑައިގެންނެވުމުގެ ކުރިން، ގާސިމަށް ތާއީދުކުރައްވާ، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކޮށްފައި ހުރި ބައެއް ޕޯސްޓުތައް ރީޕޯސްޓު ވެސް ކުރައްވާފައި ވެއެވެ.

ޕީޕީއެމުން ވަކިވެވަޑައިގަތްކަން އެންގުމަށް ފޮނުއްވި ސިޓީގައި ވަހީދު ވިދާޅުވީ، ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ދެމެހެއްޓުމާއި އިންތިހާބަށް ކުރިމަތިލުމުގެ ފަހު ދުވަހާ ދެމެދު ޕީޕީއެމުން ކެންޑިޑޭޓެއް ނެރުމުގެ ފުރުސަތު އޮތް ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ލީޑާޝިޕުން އެކަމަށް އެއްވެސް މަސައްކަތެއް ނުކޮށް ކުޑަ ޕާޓީއަކުން ކެންޑިޑޭޓެއް ނެރުމަކީ އެ ޕާޓީން ވީ ހިޔާނާތެއް ކަމަށެވެ.

ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމަށް ފުރުސަތު ގެއްލުމުން، ޔާމީންގެ ދެވަނަ ޕާޓީ ކަމަށްވާ ޕީއެންސީން ފަހު ވަގުތު ނެރެފައި ވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.