ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މަރުވެފައި ވަނީ އުމުރުން 55 އަހަރުގެ ބ. ތުޅާދޫ، ބޯދި އިސްމާއީލް އަބޫބަކުރުއެވެ.

އިސްމާއީލްގެ މެޔަށް ތަދެއް އަރައިގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައި ވަނީ މިއަދު މެންދުރުފަހުއެވެ. އޭނާގެ ހާލަތު އިތުރަށް ގޯސްވެ، އެމަޖެންސީއަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައި ވަނީ ގާތްގަނޑަކަށް 3:25 ގައި އޭނާގެ ހިތްހުއްޓިގެން ކަމަށް ޑޮކްޓަރާ ހަވާލާދީ ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

އިސްމާއީލް އަބޫބަކުރަކީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށުގައި 10 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ގައިދީއެއް ކަމަށާއި އޭނާއަކީ އެއްވެސް ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ނޫން ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

ކަރެކްޝަންސް އިން އިތުރަށް ބުނީ އިސްމާއީލް މަރުވުމާ ގުޅިގެން ކަރެކްޝަންސް އިން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، މޯލްޑިވްސް ޕޮލިސް ސާވިސް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައި ވާނެ ކަމަށެވެ.