ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތައް އަންގާރަ ދުވަހު ދޫކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މިއަދު ނ. ކުޑަފަރީ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ސޯލިހް ވިދާޅުވީ، މާލެއިން ގޯތި ދޫކުރުން އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށާއި އަންގާރަ ދުވަހު ގޯތިތައް ދޫކުރަން ފަށާނެ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އެންމެ ފަހުން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، ގޯތި ދޫކުރާ މީހުންގެ ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތައް ރިވިއުކުރުމުގެ މަސައްކަތް މުޅިންހެން ނިމިފައިވާ ކަމަށާއި ދާދި ފަހުން ނެރުނު ވަގުތީ ލިސްޓަށް ބަދަލު އަންނަ ފަދަ ޝަކުވާތައް މަދު ކަމަށް ބުނެފައި ވެއެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ ބިންތަކުގެ މިން ކަނޑައެޅުމާއި، ބިން ދޭނެ ސަރަހައްދުތައް ކަނޑައެޅުމުގެ މަސައްކަތް ކަމަށް ވެސް ބުނެފައި ވެއެވެ.

ލިސްޓް ނެރުމަށް ފަހު ފުރަތަމަ ލާނީ ގުރުއަތު ކަމަށާއި ލިސްޓް ނެރޭއިރު އެމީހަކަށް ލިބޭ ގޯތީގެ ސައިޒު އެނގޭނެ ކަމަށް ބުނެފައި ވެއެވެ. އަދި އެ ލިސްޓުގައި ޖޮއިންވެގެން ލާފައިވާ ގިނަ މީހުން ހިމެނޭ ފަރާތްކަށް 4000 އަކަފޫޓުގެ ގޯތި ދޭނީ ހުޅުމާލެ އަދި ގުޅީފަޅުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މި ފަހަރު ބިންވެރިޔާ ސްކީމްގެ ދަށުން 5000 ފަރާތަކަށް ގޯތި ދޭން ނިންމާފައިވާ އިރު، އޭގެތެރޭގައި ހިމެނެނީ 10،314 މީހުންނެވެ. ގޯތި ދޭން ނިންމި ލިސްޓުގައި ނުހިމެނޭ ނަމަވެސް ޝަރުތު ހަމަވާ 9544 މީހުން ހިމެނޭ އިރު، އެ މީހުންނަށް ދެން ގޯތި ދޭ ބުރުގައި ފުރުސަތު ލިބޭނެ ކަމަށް ގެދޮރުވެރިންގެ ކޮމިޓީން ބުނެފައި ވީ ނަމަވެސް، ކ. ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވާހަފުޅު ދައްކަވަމުން ވަނީ، ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި 6200 ގޯތި ދޫކުރަން ނިންމާފައިވާ ކަން އިއުލާން ކުރައްވާފައެވެ. އަދި ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ގޯތި ލިބޭ ފަރާތްތަކަށް މި މަހުގެ ތެރޭގައި ގޯތި ދޭން ނިންމާފައިވާ ކަމަށް ވެސް ރައީސް އޭރު ވަނީ ވިދާޅުވެފައެވެ.