ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނަވާތާ 1000 ދުވަސް ވުމާ ގުޅިގެން އެ މަނިކުފާނަށް ތާއިދުކުރާ ފަރާތްތަކާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސައިކަލް ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ސައިކަލު ބުރު ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 16:00 ގައި ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. އިދިކޮޅު މި ސައިކަލު ބުރު ބާއްވަނީ ފާއިތުވި 1000 ދުވަހު ރައީސް ޔާމީން އަށް ނުހައްގުން އަނިޔާ ދެމުން އަންނަ ކަމަށް ބުނެ އަޑުއެފުލުމަށެވެ.
މީގެ ކުރިން ރައީސް ޔާމީންގެ އަށް ގއ. ވޮޑަމުލާ މައްސަލައިގައި ހުކުމްކޮށް ޖަލުގައި ބެހެއްޓި މުއްދަތާ، އަދި މިފަހަރު ވ. އާރަށުގެ މައްސަލައިގައި އިއްވި ހުކުމާ އެކު ޖަލުގައި ހޭދަކުރެއްވި މުއްދަތު އެއްކޮށްލުމުން މިއަދަށް އެއްހާސް ދުވަސް ހަމަވާނެއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މިހާރުވެސް މާލޭގައި ސިލްސިލާ މުޒާހަރާތައް ބާއްވަމުން އަންނައިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ދަތުރުފުޅާ ދިމާކޮށް ރަށްރަށުގައި ވެސް އަންނަނީ ޔާމީން ދޫކޮށްލަން ގޮވާލައި އިހުތިޖާޖު ކުރަމުންނެވެ.
ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީން އަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި ވާއިރު އެ މަނިކުފާނު ވަނީ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކޮށްދިނުމަށް ހައި ކޯޓުގައި އެދިފައެވެ.
އެ މައްސަލަ އެހެން އޮއްވައި، މިއަހަރުގެ ރިޔާސީ އިންތިހާބަށް ޔާމީން ކުރިމަތިލެއްވުމުން ޝަތުރު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އިލެކްޝަންސްގެ ނިންމުން ދަމަހައްޓާފައެވެ. އެއާއެކު ޔާމީންގެ ކެންޑިޑަސީ ބާތިލްވެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭ ގޮތް ވަނީ ނުވެފައެވެ.
ޔާމީންގެ ބަދަލުގައި ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ ކޯލިޝަނުން ޓިކެޓް ދީފައި ވަނީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށެވެ.