އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓު އަދި މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ރަނިންމޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފްގެ ތަރުޖަމާނަކަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ހަމަޖައްސައިފިއެވެ.

މުއިއްޒާއި ހުސައިންގެ ތަރުޖަމާނަކަށް ތޮލާލް ހަމަޖައްސާފައި ވަނީ މިއަދު ކަމަށް، ޕީޕީއެމުން ބުންޏެވެ.

މީގެ ކުރިން ތޮލާލް ހުންނެވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފުރަތަމަ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އޭޖެންޓުގެ މަގާމުގައެވެ.

ހަމަ އެއާއެކު، ޔާމީންގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ތިން ބޭފުޅަކު ވެސް ވަނީ މުއިއްޒުގެ ކެމްޕެއިން މެނޭޖަރުންގެ ގޮތުގައި ހަމަޖައްސައިފައެވެ. އެ ތިން ބޭފުޅުންނަކީ:

  • ޔާމީންގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އަމީން
  • ޑެޕިއުޓީ ކެމްޕެއިން މެނޭޖަރު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
  • އެސިސްޓެންޓް ކެމްޕެއިން މެނޭޖަރު ކުރީގެ މަޑަވެލި ދާއިރާގެ މެންބަރު މުއާޒް މުހައްމަދު ރަޝީދު

މާލޭގައި ޖަގަހައެއް ހުޅުވައި މުއިއްޒުގެ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފެށީ އިއްޔެއެވެ. މި ހަފްތާ ބަންދުގައި އިދިކޮޅު ކޯލިޝަންގެ ޓީމުތަކުގެ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.