ރޭ ކާނިވަލުގައި އެމްޑީޕީއިން ބޭއްވި ޖަލްސާގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ގުޅުވާ މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކަށް މުއިއްޒުގެ ސްޕޯކްސްޕާން އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ރައްދު ދެއްވައިފިއެވެ.

ރޭ ކާނިވަލުގައި އެމްޑީޕީ އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި ރައީސް އަބްދުﷲ ޔާމީނު އޮންނަވާނީ ޖަލުގައި ކަމަށާއި އެމަނިކުފާނުގެ މައްޗަށް ހުކުމްކުރި ވަގުތުގައިވެސް އެމަނިކުފާނަށް ހުކުމް ކުރުމަށް އެދިވަޑައިގެން މުއިއްޒު ހިތުން ދުއާކުރެއްވި ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ހައުސިންގް މިނިސްޓަރުކަން މުއިއްޒަށް ހޯއްދަވައި ދެއްވީ އޭނާ އާދޭސް ކުރައްވާ ވަރުން ހިތަށް ކެތް ނުވެގެން ކަމަށާއި ފަހުން ރައީސް ޔާމީނުގެ ވެރިކަމުގައި އެ މަގާމު މުއިއްޒަށް ދެއްވީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމުގެ ދޮރުމަތީގައި ގޮނޑިއަޅައިގެން އިންނަވާތީ ސިޔާމްގެ ހިތަށް ކެތްނުވެގެން ކަމަށްވެސް އިމްރާން ރޭ ވަނީ ވިދާޅުވެފައެވެ.

ޕީޕިއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް ރައްދު ދެއްވާ ވާހަކަ ދައްކަވަމުން ތޮލާލް ވިދާޅުވީ ދީނީ ތާކިހާ އަޅުއްވައިގެން އަދި ދީނީ ޕާޓީއެއް ކަމަށް މަޝްހޫރު ކުރަމުން ދާ އަދާލަތު ޕާޓީގެ ރައީސް އިމްރާން، ރޭ އެމްޑީޕީ ޖަލްސާގައި މުއިއްޒުއާ ގުޅުވައިގެން ދެއްކެވީ ރޯ ބުހުތާނު ދޮގު ވާހަކަ ކަމަށެވެ. އަދި މުއިއްޒުގެ ހިތުގައި އޮންނަ އެއްޗެއް އިމްރާން އަށް އެނގިވަޑައިގަންނަވާނީ ކިހިނެއްތޯ ތޮލާލް ސުވާލު އުފައްދަވާފައި ވެއެވެ.

އަދި އިމްރާނަކީ 2015 ވަނަ އަހަރުގެ މެއި 1 ވަނަ ދުވަހު މުޒާހަރާއަށް ނުކުމެވަޑައިގެން ޑރ. އަފްރާޝީމް ގެ ގާތިލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ތަކުރާރު ކޮށް ވިދާޅުވި ބޭފުޅެއް ނަަމަވެސް އެކަމާ ގުޅިގެން މަޖިލީހަށް ހާޒިރު ކުރުމުން އެއީ ސިޔާސީ ބޭނުމަކަަށް ދެއްކެވި ވާހަކައެއް ކަމަށް ވިދާޅުވި ބޭފުޅެއް ކަމަށް ތޮލާލް ވިދާޅުވިއެވެ.

ދީނީ ތާކިހާ އަޅުއްވައިގެން ހުންނަވާ އެފަދަ ބޮޑު އިލްޒާމެއް ޔާމީންގެ އިސްތަށިފުޅުގައި އެޅުއްވި ބޭފުޅަކު ރޭގައި އެފަދަ ވާހަކައެއް ދައްކަވަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށްވެސް ތޮލާލް ވިދާޅުވިއެވެ. އަދި އެފަދަ ފިތުނަ އުފެދޭ ވަރުގެ ވާހަކަތައް ދެއްކެވީމާ، އެއްވެސް ރައްޔިތަކު ގަބޫލު ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ ޔާމީން ޖަލުގައި އޮންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އެ ދައްކަވާ ވާހަކަ ތަކަކީ ވެސް ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށް ތޮލާލް ވަނީ ވިދާޅުވެފައެވެ.

"އެއީ މެއި 1 ވަނަ ދުވަހު ކަރުދާސް ރީމެއް އަތަށް ނަންގަވައިން އިމްރާން ވިދާޅުވީ މިހިރީ ހެއްކާ ގަރީނާއޭ. ޑރ. އަފްރާޝީމްގެ ގާތިލަކީ ޔާމީން އޭ ވިދާޅުވި ބޭފުޅެކޭ"
ތޮލާލް

އިތުރު ބަޔަކަށް ޔާމީން ސަލާމަތް ކުރެވެންޏާ މި ސަރުކާރަށް ޔާމީން ސަލާމަތް ކުރެވޭނެ ކަމަށާއި އެކަން އެގޮތަށް ކޮށްދިނުމަށް ތޮލާލް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ. "އަޅުގަނޑުމެން ބޭނުންވަނީ ޔާމީން ގެއަށް ގެންނަން. އެކަން ކޮށްދެއްވާ އިމްރާން، ކީއްކުރަންތޯ ޔާމީން ޖަލުގަ ތި ބާއްވަނީ؟" ތޮލާލް ސުވާލު އުފެއްދެވިއެވެ

އިމްރާންގެ އެވާހަކަތާ ގުޅިގެން ގިނަބައެއްގެ ފާޑު ކިޔުން އޭނާއަށް އަމާޒުވެފައި ވެއެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އިމްރާން އަށް ފާޑު ކިޔަމުން ދާއިރު އަދާލަތުގެ އޮފީހަށް މުއިއްޒު އަމިއްލައަށް ހަރަދުކުރެއްވި ދުވަސްތައް އިމްރާން ހަނދުމަނެތީތޯ ވެސް ބައެއް މީހުން ސުވާލު ކޮށްފައި ވެއެވެ.

އެ ހުރިހާ ފާޑުކިޔުންތަކާއެކު އިމްރާން ވިދާޅުވީ ރޭގެ ޖަލްސާގެ ފަހުން ވަރަށް ގިނަ މީހުން ގުޅާ މެސެޖުކޮށް ހަދަމުންދާ ކަމަށެވެ. އަދި މުއިއްޒާ ބެހޭ ގޮތުން ކުޑަ އެއްޗެއް ވިދާޅުވީ، މުއިއްޒު ފުދޭ ވަރަކަށް އެނގިވަޑައިގަންނަވާތީ ކަމަށް ވިދާޅުވެ އޭނާ ދެއްކެވި ވާހަކަ ދިފާއު ކުރެއްވަމުން ވިދާޅުވީ އެގޮތަށް އެ ވާހަކަ ދެއްކެވީ ނޭނގޭ މީހުންނަށް ބުނެދިނުމަކީ އޮތް ކަމަކަށް ވާތީ ކަމަށެވެ.