އިންޑިއާގެ ނޭޝަނަލް އިންޓަސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޖޯޒީއެއް ލައިގެން އިންޑިއާގެ ދުވުންތެރިއަކު ރާއްޖެ ޓީމުގައި ދުވި މައްސަލަ ހޫނުވެފައި ވާއިރު އޭނަ ދުވީ ޖޯޒީލައިގެން ނޫން ކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ތޮލާލް ވިދާޅުވީ، އިންޑިއާގެ ދުވުންތެރިޔާ ރާއްޖެ ތަމްސީލު ނުކުރާ ކަމަށެވެ. އަދި އިންޑިއާގެ ދުވުންތެރިޔާ ދުވީވެސް ޕްރެކްޓިސް ޖޯޒީގައި ކަމަށާ ގައުމީ ޖޯޒީ ބޭނުން ނުކުރާކަމަށްވެސް ތޮލާލު ވިދާޅުވެއެވެ.

އިންޑިއާގެ ދުވުންތެރިއެއް ރާއްޖެ ޓީމުގައި ބައިވެރިކުރަން ޖެހުނީ ރާއްޖެ ޓީމުގެ 4 ދުވުންތެރިންގެ ތެރެއިން އެއް ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށް ތޮލާލު ވިދާޅުވިއެވެ. އަދި އެ އިވެންޓަކީ 4 މީހުން ބައިވެރިވާންޖެހޭ އިވެންޓަކަށްވެފައި ރާއްޖެއިން ދިޔަ ކުދިންނަށް އިވެންޓުގައި ބައިވެރިވުމަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން އޯގަނައިޒޭޝަން އިން ނިންމީ އެކޮޅުން ކުއްޖަކު ބައިވެރިކޮށްގެން ދިވެހި ކުދިންނަށް އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށް ތޮލާލު ވިދާޅުވެއެވެ.

4 ކުދިން ލައިގެން އެކުދިންނަށް ދުވެލުމުގެ ފުރުސަތު ހޯދައިލަދޭންވެގެން މިކޮޅުން އޯގަނައިޒޭޝަންއާ ވާހަކަދެއްކީމަ އެމީހުން ބުނީ އެކޮޅުން(އިންޑިއާއިން) ކުއްޖަކު ލައިގެން ހަތަރު ކުދިން ހަމަކޮށްގެން ދުވެލުމަކުން މައްސަލައެއްނެތޭ. އެކަމަކުއޮފިޝަލީ މީތި އެއްވެސް ވަރަކަށް ރިކޯޑެއް ނުކުރެވޭނެ. ދިވެހި ރާއްޖެވެސް ރެޕްރެސެންޓެއް ނުކުރެވޭނެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް

ތޮލާލު އިތުރަށް ވިދާޅުވީ މުބާރާތުގައި އިންޑިއާގެ ދުވުންތެރިއަކު ހިމަނައިގެން ފުރުސަތު ދިނީ ރިލޭގައި ބައިވެރިކުރުމަށް ކުދިން ގެނެސްފައި އެކުދިންނަށް ފުރުސަތު ނުދީ ފޮނުވާ ނުލާންވެގެން ކަމަށެވެ. އަދި ކުދިން ޑީމޯޓިވޭޓް ވިޔަ ނުދިނުމަށް ދިން ފުރުސަތެއްކަންވެސް ތޮލާޅު ފާހަގަކުރެއްވިއެވެ.

4 މީހުން ބައިވެރިވާ އަންހެނުންގެ 100 މީޓަރު ގެ ރިލޭގައި، ރާއްޖެ ޓީމުގެ ރިލޭ ފަށައިފައި ވަނީ އެމްއެލްޑީ (މޯލްޑިވްސް) ޖަހައިގެން ޖޯޒީގައި ހުރި އިންޑިއާގެ ދުވުންތެރިއެކެވެ.