ބައިނަލްއަގުވާމީ ފައިބާ ކޭބަލަކުން ރާއްޖެ ގުޅުވާލުމުގެ ސަބަބުން ރާއްޖޭގައި ބައިނަލްއަގުވާމީ ޓެކްނޮލޮޖީ ހަބެއް އުފެއްދުމުގެ ބިންގާ އެޅިގެން ހިނގައްޖެ ކަމަށާއި، އެޅިގެން މި ދިޔައީ ބައިނަލްއަގުވާމީ ޓެކްނޮލޮޖީ އާއި ވިޔަފާރީގެ ދާއިރާ އިން ދުނިޔޭގެ ގައުމުތަކާއި ރާއްޖެ ގުޅުވާލައިދޭ ފުރަތަމަ ފިޔަވަޅު ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ ރިލައަންސް ޖިއޯ އާ ސަބްމެރިން ކޭބަލެއް އެޅުމަށް ސަރުކާރުން ހަވާލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ގައެވެ. "މޯލްޑިވްސް-އައިއޭއެކްސް ސަބްސީ ކޭބަލް"ގެ ނަމުގައި އަޅާ މި ކޭބަލް ރާއްޖެ އަށް މިއަދު ގެނެސް ކޭބަލް އަޅައި ނިންމާލުން ވަނީ ފާހަގަކޮށްފައެވެ.

ކޭބަލް ފައިބާ އެޅުމުގެ މަސައްކަތް ނިންމައި، ކޭބަލް ގުޅާލުުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު މި ފާހަގަކުރަނީ "ޑިޖިޓަލް ދިވެހި ޖީލުގެ" ފެށުން ކަމަށެވެ. މި ސަބްމެރިން ކޭބަލް ގުޅާލާ ނިމުމުން، ދިވެހިން ގޮވައިގެން ސަރުކާރުން މި ދަތުރު ފަށަނީ އާ ދުނިޔެއަކަށް ކަމަށް، ރައީސް ސިފަކުރެއްވިއެވެ.

އައިއޭއެކްސް ކޭބަލް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސާއި މިނިސްޓަރު ފައްޔާޒާއި މިނިސްޓަރު ޝައުނާ (މ-ކ) / ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އަށް އިންޓަނެޓު ތައާރަފްކުރި ފަހުން 27 އަހަރު ފުރިއްޖެ ކަމަށާއި، ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުމާ އެއް ހަމައެއްގައި ފައި ހަމަކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑިޖިޓަލް މުވާސަލާތުގެ ސަބަބުން އެންމެ ދުރު ކަރަތައް ވެސް، ދެ އިނގިލިހާ ކައިރިކޮށްދީފި. ނަމަވެސް، އަޅުގަނޑުމެންނަށް މިއަދާ ހަމައަށް މި އުޅެވެނީ، އެ ދުނިޔެ އަށް މުޅިން ނުވަދެވިގެން،" ރައީސް ވިދާޅުވިއެވެ.

"ހަގީގަތުގައި މިއީ މީގެ އެތައް އަހަރެއް ކުރިން ދިވެހިންނަށް އަލިވިލެންވީ ދުވަހެއް،"

ވޭތުވެދިޔަ 80 އަހަރެއްހާ ދުވަހުގެ ތެރޭގައި ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރައި ދިޔަ އެއް ދާއިރާ އަކީ ޓެކްނޮލޮޖީ އާއި މުވާސަލާތުގެ ދާއިރާކަން ފާހަގަކުރައްވައި، ރައީސް ވަނީ ދުނިޔެ އާއި ރާއްޖޭގެ މިއަދުގެ ހާލަތާ އަޅާ ކިޔުއްވާފައެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް ފަދަ އިންގިލާބީ އީޖާދުތައް "އިންސާނުން ފަހައި ދުވަމުން ދާއިރު" ދިވެހިން އަދިވެސް އުޅެން ޖެހެނީ ހަލުވި އިންޓަނެޓު ސްޕީޑާއި މޯބައިލް ރޭންޖު ރަނގަޅަށް ނުލިބިގެން ކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުގެ 100 ޕަސެންޓު ހިއްސާވާ މި ކޭބަލް ގުޅާލުމުގެ ސަބަބުން:

  • އިންޓަނެޓުގެ ހިދުމަތްދޭ ކުންފުނިތަކުން ކުރަން ޖެހޭ ހޭދަތައް ކުޑަވާނެ
  • އަގުތައް ތިރިވެ، މިހާރަށް ވުރެ ދެގުނަ ހަލުވި ސްޕީޑްގައި އިންޓަނެޓުގެ ހިދުމަތް ލިބޭނެ
"އެ މީހަކު ހުރި ރަށަކުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ދިނުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އާބާދީ ކިތަންމެ ކުޑަޔަސް، އެ ކުއްޖަކު ދިރިއުޅޭ ރަށެއްގައި ހުރެގެން ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށް އަޅުގަނޑުމެން ހިންގާ ސެޓެލައިޓް ސްކޫލްތައް، މިހާރަށް ވުރެ މާ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

މީގެ ކުރިން ރައީސްގެ ބައެއް ކެމްޕެއިން ދަތުރުފުޅުތަކުގައި ތަކުރާރުކުރެއްވި އެއް ވާހަކަފުޅު ކަމަށްވާ ރާއްޖޭގެ އިގްތިސޯދު ދެގުނަކުރުމަށް ސަރުކާރުން އަމާޒުހިިފާފައިވާ ވާހަކަފުޅު ތަކުރާރުކުރެއްވިއެވެ. ޖަޕާނާއި އެމެރިކާ އާއި ޗައިނާ ފަދަ ގައުމުތަކުން މިސާލު ނަންގަވައި އެމަނިކުފާނު ވިދާޅުވީ، މި ޒަމާނުގެ އިގްތިސޯދީ މައި ނާރެހަކީ ޓެކްނޮލޮޖީ ކަމަށާއި، ޓެކްނޮލޮޖީގެ ދާއިރާ އިން ގައުމެއް ކުރިއަރައިދާ ވަރަކުން އެ ގައުމެއްގެ ޖީޑީޕީ ވެސް މައްޗަށް ދާ ކަމަށެވެ.

އައިއޭއެކްސް ކޭބަލް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު / ފޮޓޯ: ރައީސް އޮފީސް

ޑިޖިޓަލް ޓެކްނޮލޮޖީގެ ސަބަބުން ތިމާވެށި ރައްކާކުރުމަށް މަގުފަހިވެގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން:

  • ކަރުދާސް ނޫޓު ބޭނުންކުރާ މިންވަރު މަދުވާނެ ކަމަށް
  • ކަރުދާސް އުފެއްދުމަށްޓަކައި ގަސް ކަނޑަންޖެހޭ މިންވަރު ދަށްވާނެ ކަމަށް
  • ކަރުދާހަށް ބޭނުންވާ މިންވަރު ކުޑަކޮށްދޭނެ ކަމަށް

އެހެންކަމުން ސަރުކާރަށް ވިސްނުނީ ތިންވަނަ ގައުމެއް މެދުވެރިނުވެ، އިންޓަނެޓު އެންމެ ހަލުވިކޮށް ލިބޭނެ ގޮތް ހަދައިދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެއްގެ ގޮތުގައި ކަމަށް، ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ރާއްޖެ ބައިނަލްއަގުވާމީ ފައިބަރު ކޭބަލަކާ ގުޅައިލުމަކީ، ރާއްޖޭގައި ބައިނަލްއަގުވާމީ ޓެކްނޮލޮޖީ ހަބެއް އުފެއްދުމުގެ ވެސް ބިންގާ. އަޅުގަނޑުމެން މިއަދު މި އެޅީ، ބައިނަލްއަގުވާމީ ވިޔަފާރި އާއި ޓެކްނޮލޮޖީގެ ދާއިރާ އިން ދުނިޔޭގެ އިރުމައްޗާއި ހުޅަނގާ ދެމެދު ގުޅުވައިދޭ ފާލަމަކަށް ރާއްޖެ ހެދުމުގެ ފުރަތަމަ ފިޔަވަޅު،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ، އުންމީދަކީ މި ސަބްމެރިން ކޭބަލް ގުޅާލުމުގެ ސަބަބުން އެކަމުގެ ހެޔޮ ނަތީޖާ ވީ އެންމެ އަވަހަކަށް ދިވެހިންނަށް ލިބިގެން ދިއުން ކަމަށެވެ

"މޯލްޑިވްސް-އައިއޭއެކްސް ސަބްސީ" ކޭބަލް މެދުވެރިކޮށް ދުނިޔޭގެ ދެ ބިތުގައި ދެ ކަނެކްޝަނެއް ތައާރަފުކުރާނެއެވެ. އަދި ތާޑް ޕާޓީ ހަބްތަކަށް ބަރޯސާނުވެ ސިންގަޕޫރުން ޔޫރަޕަށް ސީދާ އިންޓަގްރޭޝަންތައް ލިބޭނެއެވެ. މިއާ އެކު ރާއްޖޭގައި އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަަކަށް މި ކޭބަލް ބޭނުންކޮށްގެން މިހާރަށްވުރެ ހަރަދު ކުޑަކޮށް ހިދުމަތް ދެވޭނެއެވެ.

މި ކޭބަލާ އެކު އިންޓަނެޓް ގަންނަން ކުރާ ހޭދަ ކުޑަވެ، ޑޭޓާ އާއި އިންޓަނެޓަށް ސަރުކާރުން ކުރާ ހަރަދު ދެ ގުނައަށް ކުޑަވާނެ ކަމަށް، މި ކޭބަލް އެޅުމުގެ މަސައްކަތް ކުރި އޯޝަން ކަނެކްޓުން ލަފާ ކުރެ އެވެ. އަދި މިއާއެކު އިންޓަނެޓުގެ ކެޕޭސިޓީ ވެސް ދެ ގުނައަށް އިތުރު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ލަފާ ކުރެއެވެ.