މައި އިދިކޮޅު ޕާޓީ ޕީޕީއެމުން ކެންޑިޑޭޓެއް ނުނެރުމުން ނުރުހުން ފާޅުކުރައްވައި އެ ޕާޓީން ވަކިވެވަޑައިގަތް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ޖުމްހޫރީ ޕާޓީ އާ ގުޅިވަޑައިގަންނަވަން ނިންމަވައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެޑްވައިޒަރުކަން ކުރެއްވި ވަހީދު 10 އަހަރަށް ފަހު ޕީޕީއެމުން ވަކިވެވަޑައިގަތީ، އަންނަ އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ލިޔެކިއުންތައް ތައްޔާރުކުރައްވައި، ކުށުގެ ރެކޯޑު ވެސް ސާފުކުރެއްވުމަށް ފަހު، ފަހު ވަގުތަށް މަޑުކުރެއްވުމަށް ފަހުގައެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަހީދު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހީމާ ބައްދަލުކުރައްވާފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި ޕީޕީއެމުން ވަކިވެވަޑައިގެންނެވުމުގެ ކުރިން، ގާސިމަށް ތާއީދުކުރައްވާ، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކޮށްފައި ހުރި ބައެއް ޕޯސްޓުތައް ރީޕޯސްޓު ވެސް ކުރައްވާފައިވެއެވެ.
ބެލެވޭ ގޮތުގައި ގާސިމްގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް އޭނާގެ އުފަން ރަށް އދ. މާމިގިލީގައި މާދަމާރޭ ބާއްވާ ޖަލްސާގައި ވަހީދު ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވާނެއެވެ.
ޕީޕީއެމުން ވަކިވެވަޑައިގަތްކަން އެންގުމަށް ފޮނުއްވި ސިޓީގައި ވަހީދު ވިދާޅުވީ، ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ދެމެހެއްޓުމާއި އިންތިހާބަށް ކުރިމަތިލުމުގެ ފަހު ދުވަހާ ދެމެދު ޕީޕީއެމުން ކެންޑިޑޭޓެއް ނެރުމުގެ ފުރުސަތު އޮތް ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ލީޑާޝިޕުން އެކަމަށް އެއްވެސް މަސައްކަތެއް ނުކޮށް ކުޑަ ޕާޓީއަކުން ކެންޑިޑޭޓެއް ނެރުމަކީ އެ ޕާޓީން ވީ ހިޔާނާތެއްގެ ގޮތުގައި ވަހީދު ވަނީ ސިފަކުރައްވައިފައެވެ.
ޔާމީނަށް އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ގެއްލުމުން، ޔާމީންގެ ދެވަނަ ޕާޓީ ކަމަށްވާ ޕީއެންސީން ފަހު ވަގުތު ނެރެފައި ވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
އޭނަ ހީކުރީ އޭނަ ނެރޭނޭ. މީހަކު ނެތަސް ވަހީދު ކައުންޓެއް ނުކުރެވޭނެ