އިންތިހާބީ ދުވަސްވަރު ކެންޑިޑޭޓުން ކުރާ ކެމްޕެއިން ދަތުރުތަކުގައި ދައުލަތުގެ ފައިސާ އާއި މުދަލާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ފައިސާ އާއި މުދާ އެއްވެސް ވަރަކަށް ބޭނުންނުކުރުމަށް، އޭސީސީން ކެންޑިޑޭޓުންނަށް އަންގައި އިލްތިމާސްކޮށްފިއެވެ.

އޭރުގެ ވެރިއަކަށް ހުންނަ ފަރާތަކުން އަބަދު ވެސް އިންތިހާބެއް ބޯމަތިވުމުން ނަހަމަގޮތުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ކަމުގެ ތުހުމަތުތައް އަބަދު ވެސް އޮވެއެވެ. އަދި މީގެ ކުރިން އެފަދަ މައްސަލަތައް ފެންމަތިވެފައިވެއެވެ. މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ދަތުރުފުޅުގައި ވެސް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރަމުންދާ ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން އަބަދު ވެސް ކުރެއެވެ.

ނަމަވެސް އިދިކޮޅުގެ ތުހުމަތުތައް ސަރުކާރުން އަބަދު ވެސް ދަނީ ދޮގުކުރަމުންނެވެ.

އޭސީސީން ނެރުނު އިރުޝާދު ފޮތުގައި ވަނީ ކެންޑިޑޭޓުންނަށް ކެމްޕެއިން ދުވަސްވަރު އަމަލުކުރަންވީ ގޮތުގެ ބައެއް ލަފައާއި އިރުޝާދު ދީފައެވެ. މިގޮތުން އެ ކޮމިޝަނުން ވަނީ އިންތިހާބާ ގުޅިގެން ކެންޑިޑޭޓުން އާންމުކުރަން ޖެހޭ މާލީ ރިޕޯޓުތަކާއި އިންތިހާބާ ގުޅިގެން އެ ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީން ހިންގާ މާލީ މުއާމަލާތްތަކުގެ ބަޔާންތައް އާންމުކުރުމަށް ލަފާދީފައެވެ.

މީގެ އިތުރުން، ކާކުކަން ނޭނގޭ ފަރާތްތަކާއި ބިދޭސީ ފަރާތްތަކާއި ދައުލަތުން ދޭ ފައިސާ ކެމްޕެއިންކުރުމަށް ބޭނުންނުކުރުމަށް އެ ކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމިޝަނުން ބުނީ، ދައުލަތުގެ މުވައްޒަފުން ރަސްމީ ވަގުތުގައި އަދި ޔުނިފޯމުގައި ހުރެ، މަގާމުގެ ނުފޫޒު ބޭނުންކޮށް ބިރު ދައްކައި ކެމްޕެއިންކޮށް ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ މަނާކަމެއް ކަމަށެވެ.

ހަމަ އެއާއެކު، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކައި ދައުލަތުގެ ތަކެއްޗާއި ހިދުމަތްތައް ބޭނުންނުކުރުމަށާއި، ދައުލަތް ހިއްސާވާ ކުންފުނިތަކަށާއި ދައުލަތަށް ގިނަ މުވައްޒަފުން ނުނެގުމަށް ވެސް އޭސީސީން ނަސޭހަތްދީފައިވެއެވެ.

އަދި އިންތިހާބީ ދުވަސްވަރު ރަސްމީ ދަތުރުތަކުގެ ތެރެއިން ކެމްޕެއިން ކުރާ ނަމަ ކެމްޕެއިންގެ ފައިސާގެ ތެރެއިން ހަރަދުތައް ހަމަޖެއްސުމަށް އިރުޝާދު ދީ، އޭސީސީން ބުނި ގޮތުގައި، ރަސްމީ ބޭނުމަށް ކުރާ ދަތުރެއްގެ ބޭރުން އެ ދަތުރެއްގެ ހަރަދަށް އެއްވެސް އަސަރެއް ނުކުރާނެ ފަދަ ސިޔާސީ ހަރަކާތްތަކުގައި ނުރަސްމީ ވަގުތުގައި ބައިވެރިވެވޭނެއެވެ.