ގއ.ކޫއްޑޫ އާއި އެއަތޮޅުގެ ވިލިނގިލި ބްރިޖަކުން ގުޅާލުމުގެ މަޝްރޫއު ކުރިއަށް ގެންދާނެތޯ ބެލުމަށް މަޝްވަރާ ކުރައްވައި އެކަމުގައި ގޮތެއް ނިންމަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލުމަކީ ރައީސް ސޯލިހް މީގެ ކުރިން 2018 ގައި ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުފުޅެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވިލިނގިއްޔަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވިލިނގިލި-ކޫއްޑޫ ބްރިޖަކުން ގުޅާލުމަކީ ވިލިނގިލި ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށާއި އެ މަޝްރޫއުގެ ދިރާސާ މިހާރު އޮތީ ނިމިފައި ކަމަށެވެ.

"ބުރަ ބޮޑު މަސައްކަތެއް އެއީ. އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިއަށް ދިޔައިރު، ކޮވިޑްގެ އާލަމީ ވަބާއާ އެކީގައި ބައެއް މަޝްރޫއުތަކުގެ ހުއްޓުން އަންނަން ޖެހުނު. ނަމަވެސް މިހާރު އެ މަޝްރޫއުގެ ދިރާސާ ނިމި ކުރިއަށް ދިއުމުގެ މަރުހަލާގައި އޮތީ." ރައީސް ވިދާޅުވިއެވެ.

ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާ

އެ މަޝްރޫއުއާ މެދު ރައްޔިތުން ވިސްނަން ޖެހޭ ކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ވިލިނގިއްޔަށް އެއަށް ވުރެ ރަނގަޅު ތަރައްގީ ގެނެވޭނެ މަޝްރޫއުތައް ނުވަތަ ޕްރޮޕޯސަލްތައް އެބަހުރި ކަމަށާއި އެކަމުގައި ވިލިނގިލީ ރައްޔިތުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ރިޔާސީ ކެމްޕެއިނަށް ރައީސް ސޯލިހު ގއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ ރަނިންމޭޓް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި އެމްޑީއޭ އަދި އަދާލަތު ޕާޓީގެ އިސްވެރިން ބައިވެރި ވެވަޑައިގަންނަވައެވެ.