ކުރީގެ ނައިބު ރައީސް އަދި ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ޕީޕީއެމް އިން ވަކިވެވަޑައިގެންފިއެވެ.

ޓްވިޓާގައި އާންމު ކުރެއްވި ކުރު މެސެޖެއްގައި ވަހީދު ވިދާޅުވީ، ދިވެހިންގެ ކުރިއެރުމަށްޓަކައި، އެމަނިކުފާނުގެ ހުނަރާއި ތަޖުރިބާ އާއި ގާބިލުކަން ބޭނުން ކުރަން ވާނީ، ސާބިތުކަމާއި ހަމަޖެހުމާއި ތެދުވެރިކަން އޮތް މާހައުލެއްގައި ކަމަށް ދެކެވަައިގަންނަވާ ކަމަށެވެ.

އަދި ޕީޕީއެމް އިން ވަކިވެވަޑައިގަތަސް އެ ޕާޓީގެ މެންބަރުންނާއި އެންމެހާ ދިވެހިންނާ މެދު ނުހަނު ގާތްކޮށް ހިއްތަވާ ކަމަށާއި އަބަދުވެސް މަސައްކަތް ކުރައްވާނީ ގައުމުގެ އިސްތިގުލާލު ދެމެހެއްޓުމާއެކު ގައުމުގެ ރައްޔިތުންގެ ކުރިއެރުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

ވަހީދު އިތުރަށް ވިދާޅުވީ، މީގެ 10 އަހަރު ކުރިން އެމަނިކުފާނު ޕީޕީއެމް އާ ގުޅިވަޑައިގަތީ، އެމަނިކުފާނު ފެއްޓެވި ތަރައްގީގެ ސިޔާސަތު ދެމެހެއްޓެނިވި ގޮެތެއްގައި ކުރިއަށް ގެންދިއުމުގެ ޔަގީންކަން ހޯއްދެވުމަށް ކަމަށާއި ގިނަ ކަންކަން ހަރުދަނާ ކަމާއެކު ކުރިއަށް ގެންދެވުނުތަން ފެނިވަޑައިގަތުމުގެ އުފާ ލިބިވަޑައިގަންނަވާ ކަމަށެވެ. އިތުރަށް ވިދާޅުވީ ގައުމުގެ އިގުތިސޯދާއި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ރައިއްޔަތުންގެ ކުރިއެރުން މުހިންމު ކަމަށެވެ.

ރައީސް ވަހީދު، ޕީޕީއެމް އިން އިސްތިއުފާ މިދެއްވި ވަގުތަކީ، ކޮރަޕްޝަންގެ ކުށް ސާބިތުގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާފައި ވުމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތުގައި ޕީޕީއެމްގެ ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމުގެ އުއްމީދުގައި ހުންނަވަނިކޮށް ޑރ. މުހައްމަދު މުއިއްޒަށް ޓިކެޓް ދީ ކެންޑިޑޭޓް ފައިނަލް ކުރި ވަގުތެވެ.

ރައީސް ޔާމީންގެ ޝަރީއަތް ސުޕްރީމް ކޯޓުގައި އޮތް ދުވަހު، ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި ޕީޕީއެމް އިން ކުރިއަށް ދާނީ ޕްލޭން ބީ އެއްގައި ކަމަށް ކޯޓުގައިވެސް ބުނެފައި ވާ އިރު އެ ޕްލޭން ބީ އަށް ނެރެން ޔާމީން އިޝާރާތް ކުރައްވާފައި އޮތީ ޑރ. ވަހީދާއި ޔާމީންގެ ރަނިން މޭޓުގެ ގޮތުގައި ކަނޑައެޅި ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ. ޕްލޭން ބީ އަކީ އެ ދެބޭފުޅުން ކަމަށް އެޕާޓިން ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް ޕްލޭން ބީ އަށް ތައްޔާރުވެވަޑައިގަތުމަށް ޑރ. ވަހީދު ވަނީ، އިންތިހާބަށް ކުރިމަތިލާ މީހުން ސާފު ކުރަން ޖެހޭ ކުށުގެ ރެކޯޑްވެސް ސާފު ކުރައްވާފައެވެ.

ނަމަވެސް އޭރު ޕްލޭން ސީ އެއް އުފަންކޮށް، އެއީ ޑރ. މުއިއްޒު ކަމަށް ޕީޕީއެމްގެ ލިޑާޝިޕުން ބުނުމާއި އިންތިހާބު ބޮއިކޮޓު ކުރުމަށް ރާމީން އިރުޝާދު ދެއްވުމާއެކު ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުން އުފެދި ޕާޓީގެ ސެނޭޓުގައި އެކަކު އަނެކެއްގެ ގަޔަށް އަތްލާ ހިސާބަށް ވެސް ދިޔައެވެ. އެ އަރާރުމެއްގައި އެންމެ ފަހުން ޕްލޭން ބީ އަށް ކުރިން ވިސްނާފައި އޮތް ޑރ. ވަހީދާއި ޑރ ޖަމީލްގެ ބައި ކެންސަލް ކޮށް ޕްލޭން ބީ އަކީ ޑރ. މުއިއްޒު ކަމަށް ނިންމީއެވެ.

ޑރ. ވަހީދު މިރޭ ޕީޕީއެމް އިން ވަކިވެވަޑައިގެންނެވި އިރު، ދެން ކުރިއަށް ވަޑައިގަންނަވާނެ ދާއިރާއެއް ނުވަތަ ގުޅިވަޑައިގަންނަވާނެ ޕާޓީއެއް ހާމައެއް ނުކުރައްވައެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގަތުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އޭނާގެ ރަނިން މޭޓުކަން ޑރ. ވަހީދަށް މީގެ ކުރިން ހުށަހަޅުއްވާފައި ކަމުން ޖޭޕީއިން ފެނުމަކީ ގާތްކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.