ރައީސް ސޯލިހު މިހާރު ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ގިނަ ރައްޔިތުން "އުފާވެރި އަމާން ރާއްޖެ"އެއް ހޯދަން ތިބިކަން ސާފުވެ ޔަގީންވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ކެމްޕެއިން ދަތުރުފުޅުގައި މިހާރު ގއ. އަތޮޅަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ދާންދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވަނީ ދާންދޫ ރައްޔިތުން އެމަނިކުފާނަށް ދެންނެވި މަރުހަބާ ފާހަގަކުރައްވާ ވޭތުވެދިޔަ 2018 ވަނަ އަހަރު ވެސް ދާންދޫއިން ނަތީޖާ ވަރަށް ސާފު ކަމަށާއި 60 ޕަސެންޓަށް ވުރެ މަތީ އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެވުނު ކަމަށް ވިދާޅުވެފައެވެ. އަދި މިއަދު ފެންނަނީ އެއަށްވުރެ ރަނގަޅަށް އޮތް ތަން ކަމަށާއި ކާމިޔާބީ ފެނިގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި މި ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައި ހުރި މަސައްކަތުން މުޅި ރާއްޖޭގެ ހުރިހާ ރަށްތަކުން ޔަގީންކަން ލިބިވަޑައިގަންނަވާ ކަމަށެވެ.
މި ސަރުކާރުން ދާންދޫގެ 25 ހެކްޓަރުގެ ބިން ހިއްކައިދިން ކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި ހިއްކި ބިމުގައި ރޯ ހައުސް ނުވަތަ ފްލެޓް އަޅުއްވައި ދެއްވާނެ ކަމަށެވެ. އަދި ދާންދޫއަށް ބޭނުންވަނީ ސިއްހީ ހިދުމަތް މިއަށްވުރެ ފުޅާކުރުން ކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ އެދުމަކީ އެތަނުގައި ވޯޑު އިތުރުކޮށް އެތަނުން ލިބޭ ހިދުމަތްތައް ކުރިއަށްވުރެ ފުޅާކުރުން ކަމަށާއި ކުރިއަށް އޮތް ދައުރުގެ ތެރޭގައި މި ރަށުގައި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް 30 އެނދުގެ ޖާގައިގެ ޒަމާނީ ހޮސްޕިޓަލެއް އަޅައިދެއްވާނެ ކަމަށެވެ.
ދާންދޫގެ ބޮޑެތި ހުރިހާ މަގުތަކެއްގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދައި ދެއްވާނެ ކަމަށާއި ދާންދޫގައި އެތުލެޓިކްސް ސްޓޭޑިއަމެއް އަޅުއްވައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ވާހަކަ ދައްކައިގެން ރަށުގައި ބޭންކްގެ ހިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޗިންދީ ޗޯރް ރައީސްއަައް އުފާވެރި އަމާން ގޮޅިއަކަށް އެދެން